ކޮންމެ އަހަރަކުވެސް ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާއްސަބަތުގައި މަސްވެރިކަން ކުރިއަރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެކްސްޕޯއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ އެއެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ މަސްވެރިކަން ކުރުމަށް ބޭނުން ކުރާ އާލަތްތަކާއި، މަސްވެރިކަން ކުރާނެ ގޮތްތަކާއި އަދި މަސްވެރިކަން އިތުރަށް ކުރިއެރުވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.

އެމިނިސްޓްރީ އިން މައުލޫމާތު ދީފައިވާ ގޮތުގައި އަންނަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމެޖެފައިފައިވާ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުރަވީ ސުކޫލުގައެވެ. އެ އެކްސްޕޯގައި މަސްވެރިކަމުގެ އާލަތްތަކާއި އުފެއްދުންތައް ވިއްކުމަށް ވަނީ ހަމަޖެހިފައި ކަމަށް ފިޝަރީޒް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

މަސްވެރިކަން ކުރިއެރުވުމަށް ގައުމީ ފެންވަރުގައި އެކި ހަރަކާތްތައް އެމިނިސްޓްރީ އިން އަންނަނީ ކުރަމުންނެވެ. އަދި ދާދި ފަހުން ޓުއަރިޒަމް މިނިސްޓްރީ އިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވަނީ ރާއްޖެއިން ބޭރުގައި މަސްވެރިކަން އިޝްތިހާރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.