އިއްޔެ މާލޭގެ އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅު ކަމަށް، އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ، އެ ކުއްޖާގެ ހާލު ސްޓޭބަލް ކަމަށެވެ. އެހެންނަމަވެސް އެކުއްޖާއަށް ލިބުނު ގެއްލުންތައް އޭޑީކޭއިން ހާމަކޮށްފައެެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މާލޭ ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން އިއްޔެ ވެއްޓިފައިވަނީ އުމުރުން ފަސް އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާއަކި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ފުލުހުން މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ކުޑަ ކުއްޖަކު ވެއްޓިފައިވަނީ ހެނވޭރު ވައިޖެހޭ މަގުގައި ހުންނަ ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އެ ހާދިސާއާއި ގުޅުގިން ބަލަންޖެހޭ ހުރިހާ ކަމެއް، މިހާރު ބަލަމުން ދާކަމަށެވެ.