މަޝްހޫރު ޓީވީ ފްރެންޗައިޒް، "މާސްޓަރ ޝެފް" ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

ޓީވީއެމްގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މާސްޓަރ ޝެފް މޯލްޑިވްސް ލޯންޗުކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ، އަލީ ޚާލިދެވެ. އެ ރަސްމިއްޔާތުގައި މާސްޓަރ ޝެފް މޯލްޑިވްސް"ގެ ފުރަތަމަ ސީޒަންގެ ސްޕޮންސަރުންނާއެކު ވަނީ ސޮއިކޮށްފައެވެ. ޓައިޓްލް ސްޕޮންސަރއަކަށް ހަމަޖައްސާފައިވަނީ ދިރާގުއެވެ. މީގެއިތުރުން އެސްޓީއޯ، ވިލާ ކޮލެޖް އަދި ބެންކް އޮފް މޯލްޑިވްސްއާއެކުވެސް ވަނީ ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މާސްޓަރ ޝެފް މޯލްޑިވްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި"މާސްޓަޝެފް" ފްރެންޗައިޒްގެ މައި ކުންފުނި އެންޑެމޯލް ޝައިންއިން އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޑައިރެކްޓަރ ރަޝްމީ ބަޖްޕާއީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބެލުންތެރިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ މި ޝޯގެ 53 އުފެއްދުމެއް މިދިޔަ އަހަރު އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ގެނެސްދީފައެވެ. އަދި "މާސްޓަޝެފް ޔޫއެސް" ގެނެސްދޭން ފެށިތާ 10 އަހަރު ފުރުމާ ދިމާކޮށް އެ ޤައުމުން ވެސް ވަނީ ޝޯވގެ ފޯރި އިތުރަށް ގަދަކޮށްލާފައެވެ. މަޝްހޫރު ސްޓާރ ޓީވީ ނެޓްވޯކްއާއެކު އިންޑިއާއިން ވެސް ނިމިދިޔަ އަހަރު ވަނީ މާސްޓަޝެފްގެ ޝޯތައް ގެނެސްދޭން ފަށާފައެވެ.

މާސްޓަޝެފް މޯލްޑިވްސްގެ ފުރަތަމަ ސީޒަން ޓީވީ ސްކްރީނަށް އަންނާނީ އަންނަ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ.