ސަރުކާރުން ކަންކަން ކުރަމުންދާ ސްޕީޑް ލަސްވުމުގެ ސަބަބުން ކުރީގެ ނައިބު ރައީސް އަދި މިހާރު ކުރީގެ ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުގައި އިސް ދައުރެއް އަދާކުރައްވަމުން އަންނަ ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މި ސަރުކާރަށް ފާޑު ވިދާޅުވެފައި ވަނީ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޑރ. ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ކެމިކަލް ގުދަންތައް މާލޭގައި ގިނަވެފައި އޮތް އިރުވެސް އެތަންތަން މީހުން އުޅޭ ސަރަހައްދުތަކާއި ދުރުކުރަން ސަރުކާރަށް އެނގުނީ ގެތަކެއްގައި ރޯވެ މީހަކު ނެތި ދިއުމުން ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު މާލޭ އަބަދަށް ފެހި މަގުގައި ހުންނަ ހ.ތިލަފުށި ނަމަކަށް ކިޔާ ގޭގައި ހުރި ގުދަނެއްގައި ރޯވެ ވަނީ އެ ބްލޮކުގައި ހުރި ބައެއް ގެތައް އަނދައިގެން ގޮސް، ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ބައެއް އައިލާތަކަށް ވަނީ ލިބިފައެވެ.

އޭގެ ކުރިންވެސް އެ ގުދަނުގެ މައްސަލައާއި މާލޭ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުންނަ އެހެން ގުދަންތަކުގެ މައްސަލަ ރައްޔިތުން އިސްނަގައިގެން ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ.

ހެންވޭރުގައި ރޯވި އަލިފާން - ހާދިސާގައި އިމާރާތްތަކާއި ތަކެއްޗައް ލިބުނު ގެއްލުންތައް - ވަގުތު އިމޭޖެސް: މުހައްމަދު ހައްޔާން

އެހެން ނަމަވެސް އޭރު އިދާރާތަކުން ދީފައިވާ ޖަވާބަކީ އެތަންތަން މާލެ ތެރޭގައި ހުންނަނީ ސަރުކާރުން ހުއްދަ ދީގެން ކަމަށެވެ. އަބަދަށް ފެހި މަގުގައި ހިނގާދިޔަ ބޮޑު އަލިފާނުގެ ހާދިސާ އަށް ފަހު، އެފަދަ ތަންތަން ތިލަފުއްޓަށް ބަދަލު ކުރުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތްތައްވެސް މިހާރު ހުރީ ނިމުމަކާއި ގާތަށް އައިސްފައެވެ.

މީގެ އިތުރުން ޑރ. ޖަމީލްގެ ޓްވީޓުގައި ދެން ފާހަގަ ކުރައްވާފައި ވަނީ ދާދި ފަހުން ދެކުނު ރަށެއްގައި އުމުރުން ދުވަސްވީ ބަޔަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރާ މައްސަލައެވެ. އެ މައްސަލައިގައި ހިމެނޭ އެކުއްޖާގެ މުނިކާފަ އަކީ މީގެ ކުރިންވެސް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށް އުމުރަށް ބަލާފައި ދޫކޮށްލާފައި ހުރި މީހެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ރޭޕް ކުރި ދެ އަހަރުގެ ކުއްޖާ ދިރިއުޅެމުންދިޔަ ގެ އާއި ފިހާރަ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެކަން ފުލުހުން ހާމަކުރުމާއި އެކު ގިނަ ބަޔަު ވަނީ ސަރުކާރަށް ފާޑުކިޔައިފައެވެ.

ޑރ. ޖަމީލްގެ ޓްވީޓުގައި ތިންވަނަކަމަކަށް ވިދާޅުވެފައި ވަނީ އެތައް މިލިއަނުން ރުފިޔާ ހަރަދުކޮށްގެން ބިނާކޮށްފައިވާ ސީޕްލޭން ޓާމިނަލް ބޭރުގެ ބަޔަކަށް ދިނުމަށް ސަރުކާރުން ނިންމަމުން އަންނަ ވާހަކައެވެ.

އެއާރޕޯޓުގައި ތަރައްޤީ ކުރާ އާ ސީޕްލޭން ޓާރމިނަލް : ފޮޓޯ އަވަސް
އެއާރޕޯޓުގައި ތަރައްޤީ ކުރާ އާ ސީޕްލޭން ޓާރމިނަލް : ފޮޓޯ އަވަސް

ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް ބައެއް މަޖިލިސް މެންބަރުން ދަނީ ވިދާޅުވަމުންނެވެ. މިކަން ހާމަކުރެއްވި ފަރާތްތަކުން ވަނީ ސީޕްލޭން ޓާމިނަލް ބޭރުގެ ކުންފުންޏަކަށް ދިނުމުން އެކަމުން ވާނެ ގެއްލުންތައް ފާހަގަ ކުރައްވައި އެކަން އެގޮތަށް ނުކުރުމަށް އެދިފައެވެ.

ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނެފައިވާގޮތުގައި، އާ ސީޕްލޭން ޓާމިނަލްގެ ޖާތައް ކުއްޔަށްދިނުން އެމްއޭސީއެލްއިން ވަނީ މަޑުޖައްސާލާފައެވެ. އަދި އާ ސީޕްލޭން ޓާމިނަލް އާއި ވީވީއައިޕީ އިމާރާތް ހިންގާ ބަލަހައްޓާނީ އެކުންފުނިން ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ނަމަވެސް އެކި އެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ އެޓާރމިނަލްއިން ކުއްޔަށް ހިފައިގެން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މި ސަރުކާރުން ކަންކަން ކުރުމުގައި ލަސްތަކެއް އުޅޭކަމަށް އަބަދުވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދެއެވެ.