އިސްލާމްދީން ޤުރުބާންކޮށްފައި ދިވެހިން އެއްވެސް ކަމެއް ޙާސިލްކުރަން ބޭނުން ނުވާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި އަދުރޭ ވިދާޅުވީ، ކޮންމެ ކަމެއްވެސް ޙާސިލްކުރަން ބޭނުންވަނީ، އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމަށާއި، މިއީ ޖުމްލަ ދިވެހިންގެ ޝުޢޫރު ކަމަށާއި ދިވެހިންގެ އަޒުމް ކަމަށެވެ.

"އިސްލާމްދީން ޤުރުބާންކޮށްފައި ޙާސިލްކުރަން ބޭނުންވާ އެއްވެސް ކަމެއްނެތް. ކޮންމެ ކަމެއްވެސް ޙާސިލްކުރަން ބޭނުންވަނީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން. މިއީ ޖުމްލަ ދިވެހިންގެ ޝުޢޫރު. އަޅުގަނޑުމެން ދިވެހިންގެ އަޒުމް. ދިވެހިންގެ ބަސް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިގޮތަށް ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލު ކުރުމަށް، އިދިކޮޅު އިއްތިހާދާއި ގުޅުން ބޮޑު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

މި ހުށަހެޅުމަށް ފާޑުވިދާޅުވެ އަދުރޭ އިތުރަށް ވިދާޅުވީ، އީޔޫގެ ހުށަހެޅުމުގައި ހުރި، ދީނާއި ޚިލާފު ކަންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތާޢީދުކުރެއްވުމަކީ، ނަޝީދުގެ ލާދީނީކަން ދިވެހި ރައްޔިތުންނަށް އިތުރަށް ހާމަވެގެންދިޔަ ކަމެއް ކަމަށެވެ.

"އީޔޫގެ ހުށަހެޅުމުގައި ހުރި، ދީނާއި ޚިލާފު ކަންކަމަށް ރައީސް ނަޝީދު ތާޢީދުކުރެއްވުމަކީ، އޭނާގެ ލާދީނީކަން ދިވެހި ރައްޔިތުންނަށް އިތުރަށް ހާމަވެގެންދިޔަ ކަމެއް. އަދި މިއީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނާ ސަމާލުވާން ޖެހޭ ކަމެއް. ދިވެހިންގެ ދީނަކީ އިސްލާމްދީން،" އަދުރޭ ވިދާޅުވިއެވެ.

މީގެ ކުރިންވެސް އަދުރޭ ވަނީ އެ ހުށަހެޅުމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އީޔޫގެ ހުށަހެޅުމަކީ ރާއްޖޭގައި މަޝްވަރާވެސް ކުރެވޭ ހުށަހެޅުމެއް ނޫން ކަމަށާއި، މާތްﷲގެ ރަޙުމަތްފުޅާއިއެކު، ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ 100 އިންސައްތަ މުސްލިމްޤައުމެއްގެ ގޮތުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އީޔޫއިން ދިވެހި ދައުލަތުގެ ދަޢުވަތަކަށް "އިލެކްޓޯރަލް ފޮލޯއަޕް މިޝަން" (އީއެފްއެމް) އިން މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްޤު ލިބިދޭ ގޮތަށް ޤާނޫނު އަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށާއި އިންތިޚާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ޤާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލު ގެނައުމަށެވެ.

މީގެ އިތުރުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާޢަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް އީޔޫގެ ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ.

ހަމަ އެހެންމެ، ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރަން އުޅޭތީ އެކަމާއި ކަންބޮޑުވުން ފާޅުކުރުމުގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުގެ ދަށުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް އަދި އެހެން ދީންތަކުގެ މީހުންނަށް އަދަބު ލިބޭ ކަމަށް ބުނެ ޤަރާރުގައި އެކަން ކުށްވެރިކޮށްފައިވެ އެވެ.

ޤާނޫނު އަސާސީގެ ނުވަ ވަނަ މާއްދާއަކީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ބުނާ މާއްދާއެވެ. އެހެން ކަމުން އީޔޫއިން ހުށަހަޅާފައިވާ ގޮތައް ޤާނޫނު އަސާސީއަށް ބަދަލު ގެނެސްފި ނަމަ އެކަން ވެގެންދާނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށްކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެ ޤަރާރުގައި ވަނީ ރާއްޖެ އެއްބަސްވެފައިވާ ބައިނަލްއަޤުވާމީ ހަމަތަކާ އެއްގޮތަށް ރިޔާސީ އިންތިޚާބެއް ބޭއްވޭނީ މިހާރުގެ ޙާލަތު ބަދަލުކޮށްގެން ކަމަށެވެ.