ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނުމާ ގުޅިގެން ކޮންމެ ހޮނިހިރު ދުވަހަކު ހދ. ކުޅުދުއްފުށީގައި ބާއްވަމުން އަންނަ ބާޒާރުން މިއަދުން ފެށިގެން މެދުކަނޑާލާފައިވާ ކަމަށް ރަށު ކައުންސިލުން ބުނެފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ އާ ގުޅިގެން ކުޅުދުއްފުށީގައި އުފެއްދި ޓާސްކްފޯސްގެ އިރުޝާދުގެ މަތިން އާންމުން ގިނަ އަދަދަކަށް ޖަމާވެ އުޅޭ ހޮނިހިރު ބާޒާރު ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ހޮނިހިރު ބާޒާރަކީ ކުޅުދުއްފުށި ހިމެނޭ ގޮތަށް އެ ރަށާ ކައިރި ރަށްތަކުން ވަކި ސަރަހައްދެއްގައި ވިޔަފާރިކޮށް ވިއްކާ ހެދުމަށް އެ ރަށު ކައުންސިލުން ހުއްދަ ދީފައިވާ ބާޒާރެކެވެ. މި ބާޒާރަށް ގިނަ އަދަދެއްގެ މީހުން ބާޒާރު ކުރުމަށް ޖަމާވެއެވެ.

ރާއްޖެއަށް ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ގިނަ އަދަދެއްގެ މީހުން ޖަމާވެ އުޅުމަކީ ސިއްހީގޮތުން އަދި އެއްވެސް ފަރާތެއްގެ ރައްކާތެރިކަމަށް އެޅޭނެ ފިޔަވަޅަކަށް ނުވާތީ ވަގުތީ ގޮތުން ބާޒާރު މެދުކަނޑާލީ ކަމުގައި އިއުލާނުގައި ބުނެފައިވެއެވެ. އަދި މި ބާޒާރު ހުޅުވޭނެ ވަކި ތާރީޙެއް އިއުލާން ކުރާނެ ކަމުގައި އެ ރަށުގެ ކައުންސިލް އިން ބުނެއެވެ.