މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19އާ ގުޅިގެން ފްލައިޓްތަކުގެ ހަރަކާތްތައް މަދުވެފައިވާތީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ގދ. ކާޑެއްދޫ އެއާޕޯޓް އަދި ޏ. ފުވައްމުލަކު އެއާޕޯޓު މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހަވީރު 6:00 ގެ ފަހުން ބަންދު ކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ.

މި ތިން އެއާޕޯޓަކީވެސް ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ހިންގަމުންދާ ތިން އެއާޕޯޓެކެވެ.

މިނިސްޓްރީން ކޮށްފައިވާ ޓްވިޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ފްލައިޓްގެ ހަރަކާތްތައް ވަރަށް ބޮޑަށް މަދުކޮށް ދުވާލު ވަގުތުތަކަށް ބަދަލުކޮށްފައިވާތީ 24 ގަޑިއިރު ހިދުމަތްދޭ މި އެއާޕޯޓްތަކުގައި ޚިދުމަތްދޭ ވަގުތު މިއަދުން ފެށިގެން ހެނދުނު 06:00 އިން ހަވީރު 18:00 އަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

އެހެން ނަމަވެސް މެޑިކަލް އިވަކުއޭޝަން ފަދަ ޚާއްސަ ޙާލަތަކާއި ގުޅިގެން ރޭގަނޑުގެ ވަގުތު ފްލައިޓް ޙަރަކާތެއް ބާއްވަން ޖެހިއްޖެނަމަ ތިން ގަޑިއިރު ކުރިން އެ މަޢުލޫމާތު އެއަރލައިން އޮޕަރޭޓަރުގެ ފަރާތުން އެއަރޕޯޓަކަށް އެންގެވުމުން ފްލައިޓް ޙަރަކާތުގެ ކަންކަން ކުރިއަށް ގެންދެވޭނެ ވާހަކަވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.

މީގެ ކުރިން އައްޑޫ ސިޓީ ގަމުގައި ހިންގާ އެއާޕޯޓުވެސް އިރުއޮއްސި 6:00 ގެ ފަހުން ބަންދު ކުރާ ގޮތަށް އެ އެއާޕޯޓް ހިންގަމުންދާ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން އަންނަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މީހުން އެއްވެ އުޅުން މަނާކޮށް، ކެފޭ ރެސްޓޯރެންޓްތައް ބަންދުކޮށް، ސްކޫލްތަކާއި ކޮލެޖްތައް ވަނީ ބަންދުކޮށްފައެވެ.

މީގެ އިތުރުން މާދަމާއިން ފެށިގެން ވަކި ވަގުތުތަކެއްގައި މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ މަގުތައް މައްޗަށް ނުކުމެ އުޅުމާއި، އުޅަނދު ފަހަރު ދުއްވުން ވަނީ މަނާ ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ފައްސިވެފައިވާއިރު، އޭގެ ތެރެއިން 13 މީހަކަށް ވަނީ ފަރުވާދެވި ރަނގަޅުވެފައެވެ. އަދި 2 މީހަކު ރާއްޖެއިން ބޭރުގައި މިވަގުތު ތިބި އިރު، ރާއްޖޭގައި ފަރުވާދެމުން އަންނަ 4 މީހުންނަކީ ދިވެހިންނެވެ.