15،000ށް ވުރެން ގިނަ ދިވެހިން ދިރިއުޅޭ އަވަށްޓެރި ސްރީލަންގައި ތިބި ދިވެހިންނަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ޙާއްސަ އެންގުމެއް އަންގައިފިއެވެ.

މިގޮތުން އެ މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ޤައުމުގައި މިވަގުތު ތިބި ބިދޭސީންނަށް ލިބިފައިވާ ހުރިހާ ކެޓަގަރީއެއްގެ ވިސާ 12 މެއި އަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

މިގޮތުން، މަތީގައި ބަޔާންކޮށްފައިވާގޮތަށް ވިސާގެ މުއްދަތު އިތުރު ކޮށްފައިވާ ފަރާތްތައް، އެކަމަށް ދައްކަންޖެހޭ ފީ ދެއްކުމަށާއި ޕާސްޕޯޓްގައި އެކަމާ ގުޅުންހުރި ސްޓޭމްޕް ޖެހުމަށްޓަކައި، ކުރިން އަންގާފަ އޮތް ގޮތަށް ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަންގެ ވިސާ ޑިވިޜަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މިކަންކަން ފުރިހަމަ ކުރުމުގެ ތަފްސީލް އެފަރާތްތަކަށް ހިއްސާ ކުރާނެ ވާހަކަވެސް ވަނީ އަންގާފައެވެ. އަދި 12 މެއި 2020 ގެ ކުރިން ސްރީލަންކާއިން ފުރަން ގަސްދުކުރާ ފަރާތެއް ނަމަ، ވިސާ ފީ އެއާޕޯޓުން ދެއްކޭނެ ކަމަށް އެ މިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން، ވިސާގެ މުއްދަތު އިތުރުކުރަން ހުށަހަޅާފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ "އެކްނޮލެޖްމެންޓް" ތަކުގެ މުއްދަތު ވެސް ވަނީ 12 މެއި ގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި މި ތާރީޚުގެ ކުރިން ފުރަން ގަސްދުކުރާނަމަ، "އެކްނޮލެޖްމެންޓް" ގެ ކޮޕީއަކާއި ދަތުރުކުރަން ހަމަޖެހިފައިވާ ޓިކެޓުގެ ކޮޕީއެއް އެޓޭޗްކޮށް، ޕާސްޕޯޓު އަނބުރާ ހޯދުމަށް އެދި ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެސްތަކަށް އީމެއިލް ކުރުމަށް ވަނީ އަންގާފައެވެ.

[email protected]
[email protected]
[email protected]
[email protected]

އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް +94771588724 އާ ގުޅުމަށް ވެސް ވަނީ އަންގާފައެވެ.

މި ދުވަސްތަކުގައި ސްރީލަންކާއިން ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީ އިން ވަނީ އެދިފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށްވެސް އެފަރާތުން އިލްތިމާސްކުރާއިރު، ސްރީލަންކާގައި މި ވަގުތު ތިބި ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަކީ ފޮރިން މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ވަނީ އެދިފައެވެ.

ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން، ވައިގެ މަގުން ރާއްޖެ އަންނަ ހުރިހާ ފަރާތްތައް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ އެ މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް އެފަރާތުން އެދެއެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

އަވަށްޓެރި ސްރީލަންކާގައި މިހައިތަނަށް 146 މީހަކު ކޮވިޑް-19 ށް ފައްސިވެފައި ވާއިރު 2 މީހަކު ވަނީ މަރުވެފައެވެ. އަދި މުޅި ލަންކާގައި މުއްދަތެއް ނެތްގޮތަށް ކާފިއު އިއުލާން ކޮށްފައިވާއިރު ކާފިއުގެ ވަގުތުގައި ބޭރަށް ނިކުމެ އުޅުނު 8،000ށް ވުރެން ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި 2،079 ވެހިކަލެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.