ކޮވިޑް-19ގެ ސަޕޯޓު ފަންޑުގެ ނަމުގައި ފައިސާ ހަދިޔާ ކުރުމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް ފޭކް ކޯލު ކުރަމުން އަންނަ ކަމަށާއި އެކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސް ކޮށްފިއެވެ.

ބީއެމްއެލް އިން މިއަދު ވަނީ ކޮވިޑް-19 ސަޕޯޓު ފަންޑަށް ފައިސާ ހަދިޔާކުރުމުގެ ނަމުގައި ފޮނުވާ މެސެޖާއި ފޯނު ކޯލުތަކަށް ޖަވާބު ނުދިނުމަށް އިލްތިމާސް ކޮށްފައެވެ.

"ސަމާލުވެއްލައްވާ!. މިފަދަ އެކައުންޓްތަކަށް ފައިސާ ޓްރާންސްފަރ ނުކުރައްވާ. އަދި ކާޑުގެ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރައްވާ" ބީއެމްއެލްއިން ބުނެފައިވެއެވެ.

އޮޅުވާލައިގެން ނުވަތަ ފޭކް ކޯލް ކޮށްގެން ފައިސާ ހޯދުމަކީ ފަހަކަށް އައިސް ބޮޑުވެފައިވާ މައްސަލައެކެވެ. ކޮންމެ ހިތާމަވެރި ދަނޑިވަޅަކާއި ދިމާކޮށް ބައެއް ފަރާތްތަކުން ފައިސާ ނުލިބިފައި ތިބޭއިރު އަނެއްބަޔަކު އުޅެނީ އެފަދަ މީހުންނަށް އެހީވުމުގެ ގޮތުންނޭ ކިޔައި މީހުން އަތުން ލާރި އަތުލަމުންނެވެ.

މީގެ ކުރިން ނުދަންނަ ނަންބަރުތަކުން ގުޅައި ކާޑުގެ މައުލޫމާތު ހޯދައިގެން ގިނަ އަދަދެއްގެ މީހުން އަތުން ވަނީ ފައިސާ ފޭރިގަނެފައެވެ.