ނުރައްކާތެރި ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ، ހދ. ކުޅުދުއްފުށީގައި ކާފިއު ހިންގުމަށް ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީގައި އެކުލަވާލާފައިވާ ޓާސްކްފޯސް އިންނެވެ.
ކުޅުދުއްފުށީގައި ކާފިއު ހިންގުމަށް ނިންމާފައި ވަނީ މާދަމާ މެންދުރު 12:00 އިން ތިން ދުވަހަށް ކަމަށް މަޢުލޫމާތު ލިބެއެވެ. އެރަށުގައި ކާފިއު ހިންގަނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.
ކާފިއުގެ ވަގުތުގައި އާންމުން މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމަކަށް ވާއިރު، ޚާއްސަ ހުއްދަތައް ލިބިފައިވާ ފަރާތްތަކަށް ބޭރަށް ނިކުމެވޭނެއެވެ. އަދި ކެފޭ ރެސްޓޯރެންޓުތަކުންނާއި ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އެސިޓީގައި ކާފިއު ހިންގުމުގެ ކުރީން، މިފަދަ ހާލަތެއްގައި ޚާއްސަ ހުއްދަ ބޭނުންވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ވެސް މީގެ ކުރިން ކޮށްފައި ވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީގައި މިފަދަ ނިންމުމެއް ނިންމާފައި ވާއިރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަނީ މިފަދަ ނިންމުންތައް ނިންމުމުގެ ބާރުތަކަކާއި މަސްއޫލިއްޔަތުތައް ކައުންސިލްތަކަށް މަތިކޮށްފައެވެ.
ކުޅުދުއްފުއްޓަކީ ކޮވިޑް-19 އާއި ގުޅިގެން މާލެ ފިޔަވައި ކާފިއު ހިންގާ ފުރަތަމަ ސިޓީއެވެ. މާދަމައިން ފެށިގެން އެ ސިޓީގައި ކާފިއު ހިންގަނީ އެޗްޕީއޭގެ އެންގުމަކަށް ނޫނެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއް، އެއްރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭގޮތަށް ކުރިން ވަނީ ފުރަބަންދުކޮށްފައެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ގެ 69 ކޭސް ފެންމަތިވެފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 30 ކޭސް އެއްގައި ބައްޔަށް ފައްސިވެފައި ވަނީ ދިވެހިންނެވެ. މާލެއިން އެކަނިވެސް ވައިރަސް އަށް މިހާތަނަށް 48 މީހަކު ވަނީ ފައްސި ވެފައެވެ. އަދި ހއ. އުލިގަމުންވެސް މީހަކު މި ބައްޔަށް ފައްސި ވެފައި ވެއެވެ. މާލެ އާއި އުލިގަމުގެ އިތުރުން ރާއްޖެއިން މި ބައްޔަށް ފައްސިވެފައިވާ މީހުން ފެނިފައިވަނީ ރިސޯޓްތަކުންނެވެ.
ރަނގަޅު ނިންމުމެއް
ސާދަ ދުވަހަކަށްނޫންތަ. ތިން ދުވަހަކުން ނޫން ތިބަލި ފެންނާނީ..
ޔާﷲ އެރަށުގެ މީހުންނާ އެރަށުގައިތިބި މިއަޅާގެމީހުން ސަލާމަތް ކޮށްދެއްވާ ރަހުމަތް ބާވާލައްވާންދޭވެ