މި މަހުގެ 20ވަނަ ދުވަހުން ފެށިގެން 750 ރުފިޔާ އަށްވުރެ ދަށުން ކުރާ ކޮންމެ ޑެލިވަރީ އަކުން 20 ރުފިޔާ ޗާޖުކުރުމަށް އެންޒީން ނިންމައިފިއެވެ.

އެކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެގޮތަށް 20 ރުފިޔާ ޗާޖު ކުރުމަށް ނިންމާފައި ވަނީ އެކުންފުންޏަށް މި ދަނޑިވަޅުގައި ގިނަ އޯޑަރުތަކެއް ލިބިފައިވާތީ އިތުރު ބަޔަކާއި ގުޅިގެން ލިބިފައިވާ އޯޑަރުތައް އަވަހަށް ޑެލިވަރީ ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އެންޒީ އިން ބުނީ އެކުންފުނިން މިހާރު ދަނީ ލިބިފައިވާ ހުރިހާ ޑެލިވަރީތަކެއް ވީހާވެސް އަވަހަށް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ.

ކޮވިޑް-19ގެ މި ދަތި ހާލަތާއި ގުޅިގެން ގްރޭޓާރ މާލޭގެ ސަރަހައްދު ފުރަބަންދު ކޮށްފައިވާ މި ހާލަތުގައި މާލެ އަދި ހުޅުމާލޭގައި ކޮންމެ ދުވަހަކު ހެނދުނު 8:00އިން ފެށިގެން ރޭގަނޑު 23:00 އާ ހަމައަށް އެންޒީގެ ޑެލިވަރީ ޓީމް ޑެލިވަރީގެ މަސައްކަތް ކުރަމުން ކަމަށެވެ.

 

"މި ބަދަލާއި އެއްކޮށް 20 އޭޕްރިލް 2020 އިން ފެށިގެން ޑެލިވަރ ކުރާ ފަރާތްތަކުގެ ބިލުގެ ޖުމްލަ 750ރ އަށްވުރެ ކުޑަވެއްގެނަމަ ޑެލިވަރީ ފީ އެއްގެ ގޮތުގައި 20ރ ނަގާނެއެވެ. މިވަގުތު އޯޑަރުތައް ނަގަމުން މިދަނީ ވައިބާ މެދުވެރިކޮށެވެ. އެހެންކަމުން ތިރީގައިމިވާ ގޮތަށް އަމަލު ކުރެއްވުމަށް ހުރިހާ ކަސްޓަމަރުންގެ ކިބައިންވެސް އެދެމެވެ. އޯޑަރު ދެއްވާއިރު ނަން، އެޑްރެސް، އެޕާރޓްމަންޓް ނަންބަރު، ގުޅޭނެ ނަންބަރު އަދި ބޭނުންވާ ތަކެތީގެ އަދަދު ޖައްސަވާފައި ވައިބާ މެސެޖެއް ކޮށްލަ ދެއްވާށެވެ. މާލެއިން ނަމަ 7428899 އަދި ހުޅުމާލެއިން ނަމަ 7528899​​ ނަންބަރު ފޯނަށް ވައިބާ ކުރުން އެދެމެވެ" އެންޒީ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެންޒީ އިން އިތުރަށް ބުނީ އޯޑަރު ތައްޔާރުވުމުން ބިލުގެ ޖުމްލަ އަދަދު އަދި ޓްރާންސްފާ ކޮށްލަން ޖެހޭ އެކައުންޓުގެ މަޢުލޫމާތު ވައިބާ މެދުވެރިކޮށް ހިއްސާކޮށްދޭނެ ކަމަށެވެ. އަދި އެންޒީގެ އެކައުންޓަށް ޓްރާންސްފާ ކުރުމުން ޑެލިވަރީގެ މަސައްކަތް ފަށާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މިހާރު ހަމައެކަނި އެކުންފުނިން ބަލައިގަންނަނީ އޮންލައިން ޕޭމަންޓުތައް އެކަންޏެވެ.

"އަޅުގަނޑުމެންވެސް ގަބޫލުކުރަން މިފަދަ ވަގުތެއްގައި ވީހާވެސް އަވަހަށް ޑެލިވަރީތައް ލިބުމަށް ކޮންމެ ބޭފުޅަކުވެސް ބޭނުންވެ ލައްވާނެކަން، އެހެން ނަމަވެސް ލިބިފައިވާ ޑެލިވަރީ ތަކުގެ އަދަދު ގިނަކަމުން ޑެލިވަރީ ލިބުމުގައި ލަސްވެފައިވާތީވެ، ހުރިހާ ކަސްޓަމަރުންގެ ފަރާތުންވެސް ނިހާޔަށް މައާފަށް އެދެމެވެ. އަޅުގަނޑުމެން އުއްމީދު މި ކުރަނީ އިތުރު ފަރާތްތަކުގެ އެހީތެރިކަން ޑެލިވަރ ކުރުމަށް ލިބިފައިވާތީވެ، ކުރިއަށް އޮތް ދުވަސްތަކުގައި ހަލުވިކަމާއިއެކު ޑެލިވަރީގެ ޙިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ." އެންޒީ އިން ނެރުނު ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާ އިޝާ

    ރަނގަޅު ނިންމުމެއް.. ދެ ތިން ދުވަހަށް ވާ ވަރަށް ލިސްޓް ހަދައިގެން އޯޑަރު ދިނުމުން ޑެލިވަރީ ކުރާ ފަރާތްތަކަށް ވެސް ފަސޭހަ ވާނެ.

    2
    1
  2. ހުޅުމާލެ ހަސަން

    ޢަޅުގަޑު ދިންޢޯޑަރ އަށް އަދިވެސް ޖަވާބެއް ނާދޭ. 3 ދުވަސް ވެއްޖެ. މެސެޖްލިބުނު ކަމެއްވެސް ނޭގޭ

  3. ފެކްޓް

    އަދިވެސް ނިމަމެތި މީހާ ފެލާލެވޭ ގޮތް! ފަގީރުމީހާ ކޮންތާކުން ހޯދާ ލާރިއެއްތޯ ކަލޭމެނަށް ބަހަން!!! ކޮނެގެން ނަގާ އެއްޗެއްތޯ؟

  4. ދިވެހިން

    ސަރުކާރުއޮތީ ވަރަށްފުރިހަމަޔަށް ތައްޔާރުވެފަޔޯލަ.