މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލި ކުޑަކޮށް، އެމްޕީއެލްއަށް ދައްކަން ޖެހޭ ފީތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

އެކަން ހާމަކުރައްވާ އެމްޕީއެލްއިން ކުރެއްވި އިއުލާނެއްގައި ވަނީ އެ ބަދަލު ގެނައީ ކޮވިޑް 19 އާއި ގުޅިގެން ދިމާވެފައިވާ މާލީ ދަތިކަމާއި ގުޅިގެން ކަމަށެވެ.

އެ އިއުލާންގައި އެމްޕީއެލްއިން ވަނީ ސިއްލީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ބަންދުކުރަން އެންގި ތާރީހުން ފެށިގެން، ކެއިންބުއިމުގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ދޫކޮށްފައިވާ ތަންތަނުގެ ކުލި މާފުކޮށްދޭން ނިންމާފައިވާ ކަން ފާހަގަކުރައްވާފައެވެ.

ނޯތު ހާބަރުގައި ލެމަންގްރާސްއިން ކެފޭ ހިންގަމުން އައި އިމާރާތަކީ އެމްޕީއެލްގެ އިމާރާތެކެވެ.

އެމްޕީއެލްއިން ވަނީ އެ ކުންފުނިން ފިހާރަ އާއި ގުދަން ހިންގުމަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ ތެރެއިން، މޭއި އަދި ޖޫން މަހުގެ ކުލިން 30 ޕަސެންޓް އުނިކޮށްދިނުމަށް ނިންމާފައެވެ.

ހަމައެއާއި އެކު އޭޕްރީލް، މޭއި އަދި ޖޫން މަހުގެ ކުލި ޖޫރިމަނާއަކާ ނުލައި ބަލައިގަތުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ވެސް އެމްޕީއެލްއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެމްޕީއެލް ސަރަހައްދުގައި ބޭނުންކުރަމުންދާ އުޅަނދުތަކުން ދައްކަން ޖެހޭ ފީގެ ތެރެއިން މޭ އަދި ޖޫން މަހުގެ ފީން 30 ޕަސެންޓް އުނިކޮށް، އެ އުޅަނދުތަކުން އޭޕްރީލް، މޭއި އަދި ޖޫން މަހުގެ ކުލި ޖޫރިމަނާއަކާ ނުލައި ބަލައިގަތުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ވެސް އެމްޕީއެލްއިން ވަނީ ނިންމާފައެވެ.

އަދި އެ ކުންފުނީގެ އެހެނިހެން ހިދުމަތްތަކަށް ދައްކަން ޖެހޭ ފީ ވެސް ޖޫރިމަނާއަކާ ނުލައި ދެއްކުން ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަން އެމްޕީއެލްއިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޫސަ

    ނި ކަމެތި ރައްޔިތުން ބޭން ކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތައް ދެއް ކުމަށް ލުއި ގޮތެއް ހަދައިދެނީ ކޮންއިރަ ކުންބާ؟