ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކޮންމެ ހަފްތާއަކު ކުރާ މަސައްކަތުގެ ރިޕޯޓު އާންމު ކުރުމަށް ނިންމައިފިއެވެ.

އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަފްޝަން ލަތީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެލްޖީއޭ އިން ކުރަމުން އަންނަ މަސައްކަތުގެ ދެފުށް ފެންނަ ގޮތަށް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

އެގޮތުން މިހާރު އެލްޖީއެން އިން ވަނީ ކޮންމެ ހަފްތާއަކު ކުރާ މަސައްކަތްތަކުގެ ރިޕޯޓު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމަށް ނިންމާފައި ކަމަށް އަފްޝަން ވިދާޅުވިއެވެ.

އެލްޖީއޭ އިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެ އޮތޯރިޓީ އިން ކުރިއަށް ގެންގޮސްފައިވާ މަސައްކަތުގެ ތަފްސީލް ހިމެނޭ ރިޕޯޓެއް އާންމުކޮށްފައެވެ.

އެގޮތުން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ވަނީ، ލާމަރުކަޒީ އުސޫލުތައް ހިންގުން ކަށަވަރު ކުރުމަށް ރާއްޖޭގެ އަތޮޅުތައް ހަތް ބަޔަކަށް ބަހާލައިގެން ކައުންސިލަރުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އަދި ކޯޕަރޭޓިވް ސޮސައިޓީތަކާ ކައުންސިލްތައް ގުޅިގެން ވަނީ ދަނޑުވެރިކަމާއި ބެހޭ ފުރުސަތުތައް ދެނެގަތުމުގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ކޮވިޑާއި ގުޅިގެން ކައުންސިލަތަކަށް ބޭނުންވާ، ސެނިޓައިޒާ އާއި އަންގި އަދި މާސްކު ކައުންސިލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ އިތުރުން، ހިޔާ މަޝްރޫގެ ދަށުން ފްލެޓަށް އެދިފައިވާ މީހުންގެ ތެރެއިން އަތޮޅު ތެރޭގައި ދިރިއުޅެމުންދާ މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި ޕްރޮޖެކްޓް މެނޭޖްމަންޓް އެސްއޯޕީ އެކުލަވާލުމުގެ މަސައްކަތާއި، އައިލެންޑް ޑިވޮލޮޕްމަންޓް ހޭންޑްބުކް ތައްޔާރުކުރުމަށްޓަކައި ޔޫއެންޑީޕީއާ ގުޅިގެން ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތުގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމަންޓްގެ އެސްއޯޕީ އެކުލަވާލުމުގެ މަސައްކަތް ވެސް އެލްޖީއޭ އިން ވަނީ މިދިޔަ ހަފްތާގައި ކުރިއަށް ގެންގޮސްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގުއިދައިތަ

    ތީ ދެތިން ހަފްތާގެ ކަމެއް. މަބުނީތީ ބަލަން ތިބޭތި!

  2. ބޭޗާރާ

    ބާރަށް އަޑެއް ކިޔާފައި ނުބައި ވަހެއް ދުވުން ނޫން ކަމެއް ތިޔަ ކަމަކުން ނުވާނެ. ލިޔެކިޔުން ގިނަކުރެވިދާނެ ކަމެއް ނުވާނެ.

  3. އަޑަފި

    މިދެން އެލްޖީއޭ އިސްލާޙްވީއެވެ!؟