މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގައި ހުރި ލޭގެ ސްޓޮކް ހުސްވަމުން އަންނަ ކަމަށް އެ ސާވިސް އިން ވިދާޅުވެއްޖެއެވެ.

ބްލަޑް ބޭންކުން އާންމު ކޮށްފައިވާ ދުވަހު ރިޕޯޓުން ދައްކާ ގޮތުގައި، އެ ސާވިސްއަށް އެންމެ ބޭނުން ވެފައިވަނީ އޯ ނެގެޓިވް އާއި ބީ ނެގެޓިވް އަދި އޭބީ ނެގެޓިވް ލޭއެވެ.

ބްލަޑް ބޭންކުން ލޭ ހުސްވަމުން އަންނައިރު، މީގެ ކުރިންވެސް އެ ސާވިސް އިން ވަނީ ސިއްހީ ހާލަތު ރަނގަޅު، އާންމުންގެ ފަރާތުން ލޭ ހަދިޔާ ކުރުމަށް އެދިފައެވެ. އަދި އެގޮތުގެ މަތިން ގިނަ އަދަދެއްގެ މީހުން އަންނަނީ އެ ސާވިސް އަށް ލޭ ހަދިޔާ ކުރަމުންނެވެ.

ރާއްޖޭގައި އާންމު ގޮތެއްގައި ލޭ އަޅަމުން އަންނަނީ ތެލެސީމިއާ ކުދިންނާއި މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ މަހަކު 3 ފަހަރު ލޭ އަޅަން ޖެހޭ ކުދިން ކަމަށްވުމުން ލޭ ހުސްވާގޮތް ވެސް އަވަސްވެއެވެ.

ތެލެސީމީ ކުދިންނަށް ލޭ ލިބުމުގައި ދަތިތަކެއް ހުރެގެންނާއި ލޭ ހުސްވަމުން އަންނާތީ ތެލެސީމިއާ ސެންޓަރުން އަންނަނީ ލޭ ހަދިޔާ ކުރުމުގެ ކެންޕޭނުތައްވެސް ބާއްވަމުންނެވެ. މިފަދަ ކޭމްޕޭނުތަކަށް ގިނަ ބައެއްގެ އެއްބާރުލުން ލިބޭކަންވެސް އެސާވިސް އިން ފާހަގަކުރެއެވެ.

ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލި މަޑުކަން ރާއްޖެއާއި ހިސާބަށް އައުމުން މިފަދަ ކޭމްޕްތައްވެސް މިހާރު ވަނީ މަޑުޖެހުމަކަށް އައިސްފައެވެ.