ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި، ޅ. ނައިފަރުގައި ހަތަރު ގެއަކަށް ފެން ވަދެއްޖެއެވެ.

ރާއްޖެއަަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ބައެއް ރަށްތަކުގައި ބޮޑުވެގެން އެމްއެންޑީއެފްގެ އެހީތެރިކަމަށް ދަނީ އެދެމުންނެވެ. ރާއްޖޭގެ އުތުރާއި މެދު ތެރޭގައި ބައެއް އަތޮޅުތަަކަށް މިހާރުވެސް ދަނީ ވާރޭ ވެހެމުންނެވެ.

އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ، ނައިފަރަށް ބޯކޮށް ވާރޭ ވެހި، އެރަށު ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ. އަދި ހަތަރު ގެއަކަށްވެސް ފެންވަދެފައިވާ ކަަމަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެއްމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރާއްޖޭގެެ މޫސުމާއި ބެހޭ ގައުމީ އިދާާރާ (މެޓް)އިން އެންމެ ފަހުން ނެރުނު ސަމާލުގައި ބުނެފައިވާގޮތުން ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ދެމެދު ހިމެނޭ ރަށްތަކަށް ބޯކޯށް ވާރޭ ވެހުމާއެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ އެވެ.

މީގެ ކުރިން މިއަދު ޅ. ކުރެންދޫއަށްވެސް ބޯކޮށް ވާރޭ ވެހި ހަ ގެއަކަށް ފެންވަދެގެން ރިޕޯޓް ކޮށްފައި ވެއެވެ.