ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ ހަތަރު މެމްބަރުންގެ މަގާމަށް 41 މީހަކު ކުރިމަތިލައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވުލުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެކަމަށް އިޖާބަ ދެއްވި ކަމަށެވެ. އަދި ބައެއް ބޭފުޅުން ލިޔެކިޔުންތައް ވަރަށް ފުރިހަމައަށް ހުށަހެޅުއްވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި 41 މީހުންގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ސީއެސްސީގެ ހަތަރު މަގާމެއް ހުސްވެފައި ވަނީ އެ ކޮމިޝަންގެ ހަތަރު މެމްބަރަކު މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ތިން މެމްބަރަކު އިސްތިއުފާ ދެއްވައި އެއް މެމްބަރެއްގެ އިތުބާރު ނެތްކަމަށް ވޯޓް ފާސްކޮށްފައިވާތީއެވެ.

ސީއެސްސީގެ މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި އެ ކޮމިޝަންގެ މެމްބަރު ޒަކަރިއްޔާ ހުސެއިން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި ކޮމިޝަންގެ މެމްބަރު އިބްރާހިމް ޝަހީގް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެ ކޮމިޝަންގެ މެމްބަރުންތަކެއް އިސްތިއުފާ ދެއްވީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މެމްބަރުންގެ މައްސަލަ ބަލައި، އެބޭފުޅުން ވަކިކުރަން ނިންމައި މަޖިލިހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ. ސީއެސްސީގެ މެމްބަރުން ވަކިކުރާ މައިގަނޑު ސަބަބެއްގެ ގޮތުގައި އޮތީ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވުމުންނެވެ.

ސީއެސްސީގެ މެންބަރުކަމުގައި މިހާރު ހުންނެވީ ފާތިމަތު އާމިރާ އެކަންޏެވެ.