އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމަށް އޭނާގެ ޒިންމާ އަދާނުކުރެވޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވަނީ ގަވަރުނަރު ހާޝިމްގެ ޒިންމާ އަދާނުކުރެވޭތީ ކަމަށް ވިދާޅުވެ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވާލަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ. ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް 29 މެންބަރަކު ވޯޓު ދެއްވިއެވެ. އެހެންކަމުން މައްސަލަ ބަލައިގަންނަން ފާހެއް ނުވިއެވެ.

ޖާބިރު އެންމެ ފުރަތަމަ މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަވަރުނަރު ހާޝިމް ވަކިކުރުމަށް ގޮވާލައްވައެވެ. ނަމަވެސް މަގާމެއްގައި ހުންނަވާ ބޭފުޅަކު ވަކިކުރުމުގެ މައްސަލައެއް، ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަނޭޅުއްވޭނެ ކަމަށް މަޖިލީހުގެ ކައުންސިލަ ޖެނެރަލް ލަފާ ދެއްވިއެވެ. އެހެންކަމުން ޖާބިރުގެ އެ މައްސަލަ މަޖިލީހުގައި އެޖެންޑާއެއް ނުކުރެއެވެ.

ޖާބިރު ހުށަހެޅުއްވި އެ ކުއްލި މައްސަލަ އިސްލާހުކޮށް އަލުން މިއަދު ހުށަހެޅުއްވި އިރު އެ މައްސަލާގައި ކުރިން ގަވަރުނަރު ހާޝިމް މަގާމުން ވަކިކުރުމަށް ގޮވާލާފައިވާ ބައި އުނިކޮށްފައިވެއެވެ. ނަމަވެސް ހާޝިމް މަގާމުގެ ޒިންމާ އަދާނުކުރެވޭ ކަމަށް މައްސަލާގައިވެއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ޖާބިރު ވިދާޅުވެފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ޑޮލަރުގެ އަގަކީ 15.42 ރ. ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ޑޮލަރުގެ ކަޅު ބަޒާރެއް އުފެދިފައިވާ ކަމަށެވެ. އެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރ. ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ކުއްލި މައްސަލައިގައިވެއެވެ.

ޖާބިރު ވިދާޅުވެފައިވާ ގޮތުން، އޭގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭ ބޭފުޅަކީ ގަވަރުނަރު ހާޝިމްއެވެ. ހާޝިމަކީ އެފަދަ މަގާމެއްގެ ގާބިލިއްޔަތުކަން ނެތް ބޭފުޅެއް ކަމަށް ވެސް ޖާބިރު ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15:42ރ އެވެ. އަދި މާލޭގައި ހުންނަ ޑޮލަރު އެކްސްޗޭންޖުތަކުން 15.72ރ. ޑޮލަރު ގަނެއެވެ. އެކަމަކު، ކަޅު ބާޒާރުގައި މިހާރު ޑޮލަރެއްގެ އަގު ވަނީ 18ރ. އާއި 20ރ. އާ ދެމެދުގެ އަގުތަކަކަށް މައްޗަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ބަލި އަދިވެސް ފެތުރެމުންދާ އިރު، މި ހާލަތާ ގުޅިގެން އާންމު ފަރުދުންނާއި ގިނަ ވިޔަފާރިތަކުގެ މާލީ ހާލަތު ދަށްވެ، އިގްތިސާދަށް ވަރަށް ބޮޑު ހިނާރުކަމެއް އައިސްފައިވެއެވެ. މިހާރު ކޮވިޑް ފެތުރެމުންދާ ރޭޓަށް ބަލައި، ކޮވިޑް މެނޭޖް ނުކުރެވޭ ހާލަތަށް ގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ވެސް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާއިރު، ރާއްޖޭން ބޭރުން ނަގަމުންދާ ލޯނުތައް ވަނީ އިތުރުކޮށްފައެވެ. އަދި މި ހާލަތުގައި ކޮވިޑަށް ކުރަން ޖެހޭ ހޭދަތަކުގެ ތެރެއިންނާއި ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ހޯދުމުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ އަމަލުތަކެއް ކޮށްފައިވާކަން ވަނީ އޮޑިޓް ރިޕޯޓްތަކުން ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކީކޭ ބުނާނީ

    ކަލޭ ޕޕމ ޕނސ އާއި މަޝްވަރާކޮށް އެއްގަލަކަށް އަރަން ތިއުޅޭނީ ބުއްޅަބޭ ބުނެގެން ބަރުލަމާނީއަށް ވޯޓް ހޯދަން.
    މަޖިލިހުން ތިކަން ނިންމައިފިއްޔާ ރައްޔިތުން އަޑުއުފުލާނެކަން ހަނދާންކުރާތި. ރައްޔިތުން އޮތީ ރައްޔިތުންގެ ބަސް ބުނެފައި.

  2. ދަންމަރު

    ސްޕްރީމް ކޯޓަށް ދިޔާނާ ނުލީމަ ހުރިހާ ރުޅިއެއް ރ. އިބޫ އަށް. ޖާބިރު ހަމަޖެހިބަލަ.

  3. ޙަފީ

    ބަރުލަމާނީ ނިޒާމްގެބިލް ލާހިކެ އްނޫން ބޭރުކުރާކަ އް ނަސީދަކަަ އް ދޯޖާބެ އެބަލާނުގަނެ ނުވެސް އިނދެވަެނެ ކެނެރީ އަބޫޖަހުލަކަަ އް

  4. ނަޖްވާ

    ޑޮލަރު އަގު ކުޑަ ނުކުރެވިގެން އުޅެނީ ރާއްޖޭގައި ބޭރުފައިސާ ލިބޭ މީހުން އެކަން އެގޮތަށް ކުރަން ބޭނުން ނުވާތީވެ! ބްލެކުގަ ޑޮލަރު ވިއްކައިގެން ލިބޭ ފައިދާ މާ ބޮޑީވިއްޔަ އަސްލު!