މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސް ދުވަސްވަރެއް ކަމުން ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް މޫސުން ގޯސް ދުވަސްވަރެއް ކަމަށާއި، ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ކަނޑު ދަތުރު ކުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު އޮޅުން ފިލުވުމަށް އަދި ދަތުރުކުރާ އުޅަނދުގައި މުއާސަލާތީ ގުޅުމާއި، ލައިފް ޖެކެޓުފަދަ ރައްކާތެރިކަމަށް ބޭނުންވާ އަލާމާތްތައް ހުރިތޯ ބަލުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

އަދި މުދާ އުފުލާ ކަނޑު އުޅަނދުތަކުން އާންމުކޮށް މުދާ ބަރުކުރަން ޖެހޭ މިންވަރަށް ވުރެ އިތުރަށް މުދާ އަރުވާކަން ފާހަގަ ކުރެވޭ ކަމަށާއި، ނަމަވެސް މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން އެގޮތަށް އަމަލުކުރާ ނަމަ ގެއްލުމެއް ލިބުން ކައިރި ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ. އަދި މިންގަނޑަށްވުރެ އިތުރަށް މުދާ ބަރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަންދިނުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅަން އެމްއެންޑީއެފުން އެދެއެވެ.