ކ. ތިލަފުށި ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 10 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 8.8 މިލިއަން ޑޮލަރަށެވެ. އެ މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ފެން ހިންދާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތުގެ 30 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ދުއްވާ ސަރަޙައްދެއް ގާއިމުކުރުމުގެ މަސައްކަތުގެ 15 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ދަށުން ސިވިލް އަދި ދަގަނޑު މަސައްކަތްކުރުމަށްޓަކައި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމާއި، ފެން ރައްކާކުރާ ތަނެއް ގާއިމުކުރުމާއި، ވެހިކަލް ޕާކްކުރާ ތަނެއް ގާއިމުކުރުން ހިމެނެއެވެ.