ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުގެ ސްޓިއަރިން ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްޓިއަރިން ކޮމިޓީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އިރު، އަންނަ މަހުގެ 16 ވަނަ ދުވަހު ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ވަނީ ނިންމައިފައެވެ.

އެ ކޯލިޝަނަށް ތާއީދު ކުރާ މެމްބަރުންގެ ތެރެއިން ސްޓިއަރިން ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުން ކޮންމެ ރަށެއްގައި ވެސް އެކުލަވާލާފައިވާ ވަގުތީ ކޮމިޓީންނާއި ޕީޕީއެމްގެ މައި އޮފީހުން އަދި ވެބްސައިޓުން ފޯމް ލިބެން ހުންނާނެ ކަމަށް އެ ދެ ޕާޓީން ބުންޏެވެ.

ސްޓިއަރިން ކޮމިޓީގެ ތިން ގިންތިއަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

އެ ތިން ގިންތިއަކީ އާންމު މެމްބަރުންގެ ގިންތި އާއި އަންހެން ކަނބަލުންގެ ގިންތި އަދި ޒުވާނުންގެ ގިންތިއެވެ. ޒުވާނުންގެ ގިންތިއަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް އެކަންޏެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާ އިރު، ސްޓިއަރިން ކޮމެޓީގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުމަށްފަހު ރަށްރަށަށް ނިސްބަތްވާ ފަރާތްތަކުން އެރަށެއްގައި އޮންނަ ވަގުތީ ކޮމެޓީއަށް، މާލޭ، ހުޅުމާލެ، އަދި ވިލިމާލޭގެ ރައްޔިތުން ޕީޕީއެމްގެ މައި އޮފީހަށް ފޯމު ހުށަހެޅުމަށް އެ ކޯލިިޝަނުން ވަނީ އެދިފައެވެ.

ސްޓިއަރިން ކޮމެޓީ އެކުލަވާލާނީ ކޮންމެ ރަށެއްގެވެސް އާބާދީއަށް ބަލައި، ފަސް މެމްބަރުން ފެށިގެން 11 މެންބަރުންނާ ހަމައަށެވެ. އަދި 16 ވަނަ ދުވަހު ބާއްވާ އިންތިހާބަށްފަހު ސްޓިއަރިން ކޮމެޓީގެ ރައީސް ހޮވުމަށް ވެސް އިންތިހާބެއް ބާއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު