ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ގެސްޓް ހައުސްތައް ހިންގުން ވަގުތީގޮތުން ހުއްޓުވުމަށްފަހު އަލުން ހުއްދަ ނުލިބުމުން ތޮއްޑޫ ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކުން އިހުތިޖާޖު ކޮށްފިއެވެ.
ތޮއްޑޫ ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކުން މިއަދު އިހުތިޖާޖު ކޮށްފައި ވަނީ ގެސްޓް ހައުސް ހިންގުން ހުއްޓުވާފައި އޮންނަތާ ހަތް ވަރަކަށް މަސް ފަހުން މިއަދު ރާއްޖޭގެ ބައެއް ރަށްރަށުގެ ގެސްޓު ހައުސްތައް ހިނގުމުގެ ހުއްދަ އަލުން ދޫކޮށް، ބައެއް ރަށްރަށުގައި ގެސްޓު ހައުސްތައް ހިންގަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ގެސްޓު ހައުސް ހުއްދަ އަލުން ދޫކުރަން ފެށިއުރު ތޮއްޑޫގެ ގެސްޓު ހައުސްތަކަށް ހުއްދަ ދޫނުކުރުމުން އެކަމާއި ނުރުހުން ފާޅޫކޮށް މިއަދު އެރަށުގައި ގެސްޓް ހައުސް ވިޔަފާރިކުރާ ބައެއް ފަރާޓްތަކުން ވަނީ ރަށު ކައުންސިލް އިދާރާގައި ހިމޭން އިހުތިޖާޖެއް ކޮށްފައެވެ. އެފަރާތްތަކުން ކައުންސިލް އިދާރާއަށް އެއްވެ މި އިހުތިޖާޖު ކޮށްފައި ވަނީ، ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ތޮއްޑޫ އަށް ނުލިބުނީ ކައުންސިލްގެ އިހުމާލުން ކަމަށް ބުނެއެވެ.
ތޮއްޑޫގައި 37 ގެސްޓް ހައުސް އެއް ހުރެއެވެ. މީގެ ތެރެއިން ދިހަ ގެސްޓް ހައުސް ހިންގުމުގެ ހުއްދައަށް އެދި އެނޫން ބައެއް ގެސްޓް ހައުސްތައް އަލުން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ގެސްޓް ހައުސް ހިންގުމުގެ ހުއްދަ އަލުން ލިބޭނީ، އެކަމުގައި އިއުތިރާޒެއް ނެތްކަން ހާމަކޮށް ކައުންސިލުން ޓޫރިޒަމް މިނިސްޓްރީއަށް ލިޔުމެއް ފޮނުވުމުން ކަމަށް ވާއިރު، އިހުތިޖާޖުކުރާ ފަރާތްތަކުން ބުނެފައިވަނީ ތޮއްޑޫ ގެސްޓް ހައުސްތަކަށް ހުއްދަ ނުލިބުނީ އެ ލިޔުން ފޮނުވާފައި ނެތުމުން ކަމަށެވެ.
ގެސްޓް ހައުސް ހުޅުވުމުގެ ހުއްދަ ދެނީ ކޮވިޑް-19 ސޭފް ޕްލޭން އެކުލަވާލާ ގެސްޓް ހައުސްތަކަށް އެކަންޏެވެ. އެ ޕްލޭން ބަލައި ހުއްދަ ދޭނީ ރަށު ކައުންސިލުން ގެސްޓް ހައުސް އަށް ގޮސް، ޕްލޭނާ އެއްގޮތަށް ހުރިތޯ ބެލުމަށްފަހު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ނަމައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން ތޮއްޑޫ އިން ހުއްދައަށް އަލުން އެދިފައިވާ ބައެއް ގެސްޓް ހައުސްތަކުން ފަތުރުވެރިން ބުކިންވެސް ހަދާފައި އެބަހުއްޓެވެ. އެހެންކަމުން ގެސްޓް ހައުސްތައް ނުޅުވޭގޮތް ނުވުމުން އެކަމުގެ ގެއްލުންތަކާއި ކުރިމަތިވާނެ ކަމަށް ބުނެ އިހުތިޖާޖުގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ހީނަރުވެފައިވާ ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާއިރު، 9 ރަށަކުން 15 ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން މިހާތަނަށް ހުއްދަ ދިން ނުވަ ރަށުގެ ތެރޭގައި ހިމެނެނީ ކ. މާފުށި، ހދ. ހަނިމާދޫ، ށ. ނަރުދޫ، ނ. ފޮއްދޫ، ކ. ހުރާ، އއ. މަތިވެރި، ވ. ތިނަދޫ، އަދި ވ. ފުލިދޫގެ އިތުރުން ތ. ގާދިއްފުއްޓެވެ.
މާލެ ފިޔަވައި ރާއްޖޭގެ ރަށްރަށުގެ ގެސްޓް ހައުސްތައް އަލުން ހުޅުވާއިރު، ގެސްޓް ހައުސްތައް ހުޅުވާ ރަށްރަށުގައި ދިރިއުޅޭ އެންމެން ވެސް ގެއިން ބޭރަށް ނިކުންނައިރު މާސްކް އެޅުން މަޖުބޫރުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައިޑްލައިން ވަނީ އާންމުކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި 600 އަށްވުރެ ގިނަ ގެސްޓް ހައުސް ރާއްޖޭގައި އެބަހުއްޓެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެނދުގެ ނިސްބަތައް ބަލާނަމަ 20 އިންސައްތައެވެ.
ކަލޭމެން ކޮން އިހުތިޖާޖެއް ކުރާކަށްތަ.. އަހަރުމެންވެސް މިއުޅެނީ ވަރަށް ހާލުގަ
Ihuthijaaj kuriyas hudha dheveynee kankan furihamakureema.