ކ. ދޫނިދޫގައި ހުންނަ ޖަލުގައި ބަންދުކުރެވިފައިވާ ގައިދީން ބުއިމަށާއި ސާފުތާހިރުވުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ފެނުގައި ގިނަ އަދަދަކަށް "ކޮލިފޯމް" (ބެކްޓީރިއާ) ހުރި އިރު ފެން ސާފުކުރަން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެޗްއާރުސީއެމްގެ ފަރާތުން ދޫނިދޫއަށް ކުރި ޒިޔާރަތުގައި ފެން ޓެސްޓް ކުރިއިރު ބައެއް ގޮޅިތަކުން ނެގި ފެނުގައި ކޮލިފޯމް ހުރި ކަން ފާހަގަކޮށް 72 ގަޑިއިރުގެ މުހުލަތެއް ދީ، މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ފުލުހުން ދަނީ އެ ކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ކަމަށެވެ.
އެ ގޮތުން އެ ތަނުގެ ބައެއް ފެން ހޮޅިތައް ބަންދު ކުރުމާއި ފެން ސާފުކުރުމަށް ބޭނުން ކުރާ ކްލޮރިނޭޝަން ސިސްޓަމް އާއި އަލްޓްރާ ވައިލެޓް ފިލްޓްރޭޝަން ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކުރި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ސަރުކާރު ބަންދު ދުވަސްތަކެއް އައުމާއި އެއްވެސް އެސެޓެއް ގަތުމުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ލިޔެ ހުއްދަ ހޯދަން ޖެހޭތީ އެ ކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން ޖެހުމުން ލަސްތަކެއް ދިމާވި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މަސައްކަތްތައް ކުރަމުން ދަނިކޮށް ފުލުހުން މިކަން ރަނގަޅު ކުރަން ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބަޔާންކޮށް އެޗްއާރުސީއެމް އިން ނޫސް ބަޔާނެއް ނެރެފައިވަނީ ރައްޔިތުންނަށް ކަމުގެ އޮޅޭ ގޮތަށް ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
ދޫނިދޫގައި ތިބޭ ގައިދީން ބޯން ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ލިބޭނެ އިންތިޒާމު މިހާރު ވަގުތީ ގޮތުން ހަމައްސާފައިވާ ކަން ފުލުހުން ފާހަގަކުރިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެޗްއާރުސީއެމްގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން ދޫނިދޫ ޖަލަށް ކުރި ސިލްސިލާ ޒިޔާރަތްތަކުގެ ތެރެއިން ޒިޔާރަތެއްގައި އެ ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތައް ބުއިމަށާއި ސާފުތާހިރުވުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ފެން ތަޙްލީލު ކުރުމަށްފަހު ފުލުހުންގެ ސަމާލު ކަމަށް މި ކަން ގެނެސްދިނެވެ.
އެ ކޮމިޝަނުން އިއްޔެ ވިދާޅުވީ، ދޫނިދޫ ޖަލަށް ޒިޔާރަތްކޮށް ބެލި ބެލުމުން ވެސް އެ ތަނުގައި ފޯރުކޮށްދެމުންދާ ފެން ފޯރުކޮށްދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަަން ހާމަވެފައިވާ ކަމަށާއި ވަގުތުން ވަގުތަށް ބަދަލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތެއްކޮށްފައި ނުވާކަަމަށްވެސް ވިދާޅުވެފައި ވެެެއެވެ.
"ދޫނިދޫގައި ތިބޭ ގައިދީން ބޯން ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ލިބޭނެ އިންތިޒާމު މިހާރު ވަގުތީ ގޮތުން ހަމައްސާފައިވާ ކަން ފުލުހުން ފާހަގަކުރިއެވެ." މިނަރަލް ވޯޓަރ އޭ ބުނަން ނުކެރިގެންތަ ތިއުޅޭނީ