ވ. ތިނަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގާ މީހަކު ފިހިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސާމިރު އަހުމަދު ވިދާޅުވީ، މިއަދު ހެނދުނު އެރަށު ބަނދަރުގައި އޮތް ލޯންޗެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ވަރަށް ބޮޑަށް ފިހިފައި ވާކަމަށެވެ. ފިހިފައި ވަނީ ނާޝިދު ނަމަކަށް ކިޔާ އެ ލޯންޗުގެ ކައްޕި ކަމަށާއި، އޭނާގެ ދެފައި ވަރަށް ބޮޑަށް ފިހިފައިވާކަމަށް ސާމިރު ވިދާޅުވިއެވެ.

ސާމިރު ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެންދުނު 07:48 ހާއިރު ކަމަށެވެ. ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ އެ ލޯންޗުގެ ބެޓެރިއެއް ގޮވައިގެންނެވެ.

އެ ލޯންޗުގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދާފައިވާކަމަށާއި، ފެލިދޫގައި ތިބި ފުލުހުންނާއި، ފަޔަރަ އެންޑް ރެސްކިއު ސާވިސް އިން ގުޅިގެެން އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ބައިގަޑިއެއްހާއިރު ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެެމީހުންނަށްވެެސް ފެން ޖަހާ އަލިފާން ނުނިއްވިގެން ލޯންޗު ޖެެހުނީ ފަޅު ތެރެއަށް ފައްތާލަން. އަދިވެސް ލޯންޗެއް ނުނަގާ އަޑިންނެއް" ސާމިރު ވިދާޅުވިއެވެ.

ސާމިރު ވިދާޅުވީ ލޯންޗަށް ލިބުނު ގެއްލުމުގެ މައުލޫމާތު އަދި ނޭނގޭ ކަމަށެވެ.

ފިހިފައިވާ އެެ ލޯންޗުގެ ކައްޕި އިތުރު ފަރުވާއަށް މާލެ ގެެންދިއުމުގެެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.