ކ.މާފުށިން ރިޔަލު ދޯންޏެއްގައި މަހަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ކ. މާފުށި ޝޭޑީ ގްލޯވާ އަހުމަދު އާދަމް މަނިކު އެވެ.

އެމްއެންޑީއެފް އިން ވަނީ އެ މީހާއާ ނުވަތަ އެ ދޯންޏާއި ގުޅޭ އެއްވެސް ހަބަރެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރަށް ގުޅާއި ހިއްސާ ކުރުމަށް އެދިފައެވެ.

އެރަށު ކައުންސިލް ރައީސް އުސްމާން ރަޝީދު"ވަގުތު"އަށް ވިދާޅުވީ، އެ މީހާއަކީ އާއްމުކޮށް މަހަށް ގޮސް އުޅޭ މީހެއް ނޫން ކަމަށާއި،އޭނާއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށެވެ.

އެ މީހާއަކީ އަޑު ނީވޭ އަދި ވަހަކަނުދެއްކޭ މީހެކެވެ.

އުސްމާން ވިދާޅުވީ،އެ މީހާއަކީ ތަންތަނަށް ގޮސް އުޅޭ މީހެއް ނޫން ކަމަށެވެ.

"އަހަރުމެންނާއިވެސް ވަރަށް ގާތްކޮށް އުޅޭ މީހެއް އެއީ ހަމަ ފެނުނީމަ، ސަކަރާތް ޖަހާ ހަދާނެ، އެ މީހާއަކީ ބޮއްކުރާގެ ވެރިފަރާތާއި ވަރަށް ގާތްކޮށް އެއްކޮށް ކޮފީ ބޮއެ އުޅޭ، އަދި ވަރަށް ރަނގަޅަށް ބޮއްކުރާ މީހާވެސް އޭނާއާ ދޭތެރޭ ކަންތައް ކޮށްދީފައި ވާނީ، އަޅުގަނޑުމެންނަށް ފެނޭ އެއްކޮށް އުޅޭތަންވެސް، އެހެން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ އޭނާ އެއަށް އަރައިގެން ޖެހޭނީ".

އެ ބޮއްކުރާ އޮންނަނީ ބަލަހައްޓަން އެހެން މީހަކާއި ހަވާލުކޮށްފައެވެ.

އުސްމާން ވިދާޅުވީ، އެ ބޮއްކުރާ ހަވާލުކޮށްފައި އޮންނަ މީހާ މަހަށް ދާން ވެގެން ބޮއްކުރާ އޮތީ ރިޔާ އަޅުވާ ތައްޔާރުކޮށްފައި ކަމަށެވެ.

"އޭނާ ދާން ވެގެން އަތިރިމައްޗަށް 6:00 ޖެހި ހާއިރު ނުކުތް އިރު ބޮއްކުރާ ނެތޯ، އެއިރަކު ނޭނގެ ބޮއްކުރާގައި މި އުޅެނީ މި މީހާ ގޮސްގެން ކަމެއް، ގެއްލުނީ ކަމަށްތާ ހީކުރާނީ، ބޮއްކުރާ ވާމޮހިގެން އޮޔާ ދިޔައީއޭ އެކަހަލަ ގޮތަކަށް އުޅެނިކޮށް މި ވާގޮތަކީ މީހެއްގެ ފަރާތުން މި މައުލުމާތު ލިބެނީ ފަތިހު 5:30 ހާއިރު މި ބުނާ މީހާ ބޮއްކުރާއަށް އަރާ ހުއްޓާ ދެކުނީމޭ"، އުސްމާން ވިދާޅުވިއެވެ.

އުސްމާން ވިދާޅުވީ، އެ މައުލޫމާތު ލިބުމާއެކު ކަމާއި ބެހޭ ފަރާތްތަކަށް އެ މައުލޫމާތު ދިން ކަމަށެވެ. އެގޮތުން ފުލުހުންނަށް މައުލޫމާތުދީ، ފުލުހުން އެމްއެންޑީއެފްއަށް ރިޕޯޓް ކުރިކަން އޭނާ ފަހަގަކުރެެއްވިއެވެ.

އުސްމާން ވިދާޅުވީ، ރަށް ސަރަހައްދުގެ ކަނޑު މަޑުކަމަށާއި، އެ ބޮއްކުރާ ބަންޑުން ޖަހާލާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެ ސަރަހައްދުގެ އޮއެ ހުންނަ ގޮތުގެ މައުލޫމާތާއި އެއްޗެހި އެމްއެންޑީއެފްއާ ހިއްސާކޮށްފައިވާނެ ކަމަށް އުސްމާން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ މީހާ އާ ދޯނި ހޯދުމަށް ކޯސްޓް ގާޑް ފާސްޓާ އިންޓާސެޕްޓް ލޯންޗްގެ އިތުރުން ސީއެމްބިއުލާންސް އިން ކަނޑުގެ ސަރަހައްދު ބަލަމުންދާ ކަމަށެވެ.