ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހު މިއަދު އިއުލާނު ކުރުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ވިދާޅުވި ގޮތުގައި އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރާނީ މިއަދު ދޭއް ޖަހާއިރެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހުތަކާއެކު، އިންތިހާބު ބޭއްވޭނެ ތާރީހު އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުން ބާއްވާ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް "ވަގުތު" އަށް ވިދާޅުވީ ރޭ ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑަ ނޭޅުނީ މެމްބަރުންގެ ހިޔާލު ތަފާތުވުންތަކާ ހުރެ ކަމަށެވެ.

ނަމަވެސް އިންތިހާބު ބާއްވާނެ ދުވަސް މިއަދުގެ ބައްދަލުވުމުގައި ކަނޑައެެޅިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމާ މަޝްވަރާކުރުމަށް ރޭގެ ނުވައެއް ޖެހީއިރު ކޮމިޝަނުގައި ބައްދަލުވުމެއް ބޭއްވިން. ރޭގަ މެމްބަރުންގެ ހިޔާލުތަފާތުވުމުން ވަކި ދުވަހެއް ކަނޑަ ނޭޅުނު. އެހެންވެ މިއަދަށް އެ ބައްދަލުވުން ފަސްކޮށްލީ." ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެެން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވުމަށްފަހު ވެސް ވަނީ އިންތިހާބު ނުބާއްވާ ފަސްކޮށްފައެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުވަނީ ދަންމާލާފައެވެ.

އިންތިހާބު ބޭއްވޭނެ ގޮތަށް "ސަންސެޓް" ނުވަތަ ވަގުތީ ގާނޫނަށް ދާދި ފަހުން ރައްޔިތުން މަޖިލީހުން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން އިންތިހާބު ބޭއްވޭނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަން ޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން އެ އިސްލާހުގައި ފާހަގަކޮށްފައިވެއެވެ.

އީސީ އިން މީގެ ކުރިން މަސައްކަތް ކުރަމުން ދިޔައީ މާޗު މަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ ތިންވަނަ ދުވަހަށް ދަންމާލުމާ ގުޅިގެން އެ ދުވަހަށް އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީ އިން ވިދާޅުވިއެވެ.

އެގޮތުން އެންމެ ފަހުން ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގައި ވަނީ އޭޕްރީލް މަހުގެ ތިންވަނަ ދުވަހާއި ދިހަވަނަ ދުވަހާ ދެމެދުގެ ތާރީހެއްގައި އިންތިހާބު ބޭއްވުމަށް މަޝްވަރާކޮށްފައެވެ.

މީގެ އިތުރަށް އިންތިހާބު ޖޫން މަހަށް ފަސްކުރުމަށް އީސީއިން ސިޔާސީ ޕާޓީތަކުގެ ކިބައިން އެދިވަޑައިގަނެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

އެ ގޮތަށް އީސީއިން އެދުނު އިރު, އިންތިހާބުގެ ވަގުތީ ގާނޫނުގައި އޮންނަ ގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. އެކަމަކު އެ ތާރީހަށް އިންތިހާބު ނުބޭއްވޭ ނަމަ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އީސީއިން އަންގަން ޖެހޭނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސާޖިދާ

    ތިކަން އޮތީ އެމްޑީޕީން އިޢުލާންކޮށްފަ! ރޯދައިގެ ފަހުން ތިއެއް އޮތީ! ކަލެޔަށްއޮތީ އެމްޑީޕީ ހަރުގެއިން ބުނާ ތާރީޚް އިޢުލާންކޮށްލުން.

  2. އިބްރާހިމް

    ލޯކަލް އިންތިޚާބޭ ފަޅޮލޭ ކިޔާނެކަމެއްނެތް. ކަލެއަށް ހީވަނީ އެމްޑީޕީގެ ބަސްއަހައިގެން މުޅި އުމުރަށް ތިޔަ މަގާމުގައި ހުރެވޭނެކަމަށްތޯ؟ ﷲ އިރާދަކުރެއްވިއްޔާ ތިޔަކުރާ ކަންކަން ބެލޭނެ ދުވަސްވަނީ ދާދި ގާތުގައެވެ.

  3. ކާފަބޭ2020

    ދެފަރާތެއްގެ ހުއްދަލިބުނީމަދޯ އިއުލާނުކުރެވޭނީ ރިމޯޓުއޮތީ ތިޔަތަނުންބޭރުގަ ބުނާދުވަހަކަށްޖެހޭނީ މަޑުކުރަން ނޫނީ އިތުރެއްނުވާނެދޯ؟

  4. ބެއްޔާ

    ތިޔައިންތިހާބުން މާލެސިޓީއަށް ވާނެފައިދާއެއްނެތް. މާލެ/ހުލުމާލެ/ވިލިގިލި/ތިލަފުށި/ގުޅީފަޅުގެ ބިމުގެ މިލްކް ވެރިކަން ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ނަސީދު އަދި އަސްލަންޓޭ އަޑީގައި ތިބެގެން އެޗެޑީސީއަށް ދީ ނިންމާފަވަނީ! މާލެސިޓީކައުންސިލް އަށް ބޮޑުމުސާރަ ދީފައި މޭޔަރ ކައުންސިލަރ ވިހާމަރުވާ މީހުންގެ ލިސްޓް ބަލަހައްޓާކައް ހޮވުމުގެ ބޭނުމެއްނެތް. # އިންތިހާބު ބޮއިކޮޓް ކޮއްލާނީ! #ނޯވޯޓް ނޯގޯތި.