"ގެދޮރުވެރިކުރުވުން” ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ޙައްޤު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށް ބުނާ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ނަޒީމް، (މއ.އެލީޒިއަމް / ކ.މާލެ) ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން ފޮނުވައިފިއެވެ.
ނަޒީމުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް އޭގެ ފައިދާ ލިބެންނުޖެހޭ މީހަކަށް މަންފާ ހޯދާދިންކަމުގެ ކުށުގެ ދަޢުވާގައެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގުން ހާމަވި ގޮތުގައި ހއ.ދިއްދޫގައި ޢިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 2017 ވަނަ އަހަރު ދޫކޮށްފައިވާ 140 ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ފުރަތަމަ ޕޮއިންޓްދީފައި ވަނީ އެރަށު ކައުންސިލްގެ އިދާރާއިން ކަމަށްވެއެވެ.
ނަމަވެސް، ފަހުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެންގުމުގެމަތިން ހއ. ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކައުންސިލްގެ އިދާރާއިން މަޑުޖައްސާލައި، ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް މިނިސްޓްރީއަށް ގެނަސްފައިވާކަން އޭސީސީއިން ފާހަގަކުރެއެވެ. އަދި މިނިސްޓްރީގެ ފަރާތުންވެސް ހައުސިންގ ޔުނިޓްތަކަށް ޕޮއިންޓްދީފައިވާކަމާއި، އިވެލުއޭޝަން މަރުޙަލާގެ ރިވިއު މަސައްކަތުގައި ނަޒީމް ބައިވެރިވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އިޢުލާންކުރުމުގެ މަސައްކަތްކުރި މުވައްޒަފާ އެ ލިސްޓް ހަވާލުކޮށްފައި ވަނީ ނަޒީމް ކަމަށާއި އާންމުކޮށް ހައުސިންގ ޔުނިޓްތަކާ ގުޅޭ ފައިނަލް ލިސްޓްތައް އެޕްރޫވްކުރަނީ އޭނާ ކަމަށްވެސް އޭސީސީއިން ބުނެއެވެ.
އަދި ހއ.ދިއްދޫ އަށް ނިސްބަތްވާ ވަކި ފަރާތްތަކަކަށް ހައުސިންގ ޔުނިޓްތައް ހޯދައިދިނުމަށް އަމިއްލަ ފަރާތަކުން އެދުމުން އެކަމަށް ނަޒީމް އެއްބަސްވެފައިވާކަން ތަހުގީގުން އެނގިގެން ދިޔަ ކަމަށް އޭސީސީއިން ފާހަގަކުރެއެވެ.
ނަމަވެސް އަދި އެ ފަރާތްތަކަކީ ލިބިފައިވާ ޕޮއިންޓްތަކަށް ބަލާއިރު ހައުސިންގ ޔުނިޓްތައް ލިބެންޖެހޭ ފަރާތްތަކެއް ނޫންނަމަވެސް، އެ ފަރާތްތައް ދާއިމީ ލިސްޓްގައި ހިމަނައި، ހައުސިންގ ޔުނިޓްތައް ހަވާލުކޮށްފައިވަނީ އިބްރާހީމް ނަޒީމްގެ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ކަމަށް އޭސީސީއިން ބުނެއެވެ.
ނަޡީމްއަކީ ހއ.ދިއްދޫ ހައުސިންގ ޔުނިޓްތައް ދޫކުރި އިރު ހައުސިންގ ޑިޕާޓްމަންޓްގެ ސިޔާސީގޮތުން އިސްވެރިޔާކަމަށްވެފައި، ހައުސިންގ ޔުނިޓްތައް ދޫކުރުމުގައި ނިންމުން ނިންމޭފަދަ މަޤާމެއްގައި ހުރި މީހެކެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޕޮއިންޓް ދީފައިވާ ގޮތް ބަދަލުކޮށް ހައުސިން ޔުނިޓްތައް ލިބެން ނުޖެހޭ ފަރާތްތަކަކަށް ހައުސިން ޔުނިޓްތައް ދީފައިވަނ އޭނާގެ މަޤާމުގެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށް ކަމަށް އޭސީސީއިން ތުހުމަތު ކުރެއެވެ. އަދި އޭނާގެ މައްޗަށް ދަޢުވާ ކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އޭސީސީން ބުނެއެވެ.
ބަޔަކަށް ފުލެޓް ދޭނެ ކަމަށް މީހަކަށް ބުނެވުނުއިރު އެއީ އުފަންނުވާ އެއްޗަކަށް ވިޔަސް އެދުވަހު އެކަމަށް އެދުނު މީހުންނަށް އޭގެ އެތައްޒަމާނެއް ފާއިތުވެ، ދިރިއުޅުމުގެ ޙާލަތައް ބޮޑެތި ބަދަލުތަކެއް އައިސްފައި ވަނިކޮށް، ހައްގާއި ނުހައްގު ކިޔައިދެމުން، އެއްވެސް ހަމައެއް ނެތި، ޕާޓީ ކުދިންކޮޅު ވީމަ، ފުލެޓު ދިނުމަކީ އިންސާފުން ކުރިކަމެއް ކަމުގައި ހަދަން ތިޔަ ކުރައްވާ މަސައްކަތައް ސާބަސް ދަންނަވަން. ފިޔަވަޅު އަޅަންވީ ދިއްދޫ ރައްޔިތުންގެ ހައްގު ފޭރިގެންފައިވާ ދިއްދޫ ކައުންސިލުގަ ތިއްބެވި ސިޔާސީ ފަރާތްތަކަށް. ބަޔަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދިނުމަށް މިސަރުކާރުން ކުރާ މަސައްކަތައް ނޫނެކޭ ބުނަންވީ ވަގުތު އައިސް ޖެހެނީ. މިފަހަރު ގޮތް ނިންމާނެ.
މާލޭގެ މިނިސްޓްރީތަކުގައި ތިބޭ މިޒާތުގެ ޤައްދާރުން، ކައުންސިލްތަކަށް ބާރުނުދީ ހިފަހައްޓަނީ، ހިތުން ތިމާމެނަކީ މާތާހިރު ބައެއްކަމަށް ހެދިގެން. އެކަމު މުޅިންވެސް ހިންގަނީ މިކަހަލަގެ ޖަރީމަތައް. ވަކިސަރުކާރެއްނެތި
މި މީހުންނާއެކު ބައިއަތު ހިފައިގެން މިކަންކުރި ދިއްދޫ މީހާއަށް ދަޢުވާ ނުކުރަން ނިންމީތަ؟ އެމީހަކު މީގަ ބައިވެރިވިކަމަށް ނުވާނެތަ؟