ޏ. ފުވައްމުލަކުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މާލެ ފިޔަވައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިހާރު އެންމެ ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން އަންނަ އެއް ރަށަކީ ފުވައްމުލަކެވެ. ފުވައްމުލަކުގައި އުފެދިފައިވާ އިހަލުން (ކްލަސްޓާ) ގައި މިހާތަނަށް 11 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެގޮތުން އިއްޔެ ހަތް މީހަކު އެ ރަށުން ކޮވިޑް-19 އަށް ފައްސިވި އިރު، އޭގެ ކުރީ ދުވަހު އެކަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

އެ ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ސްކޫލްތަކުގެ ދަރިވަރުންނާއި އޮފީސްތަކުގެ މުވައްޒަފުންނާއި ޓީޗަރުން ވެސް ހިމެނެއެވެ.

ފުވައްމުލަކުގައި ކޮވިޑް-19 ފެތުރެން ފެށީ ދުބާއީގައި ހުރެފައި ފުވައްމުލަކަށް ކަރަންޓީންވުމަށް ދިޔަ މީހެއްގެ ފަރާތުންނެވެ. މިދިޔަ އާދީއްތަ ދުވަހު ސުންކު ނެގި އެ މީހާ ފައްސިވެ، އެ މީހާއާ ގުޅުން ހުރި އިތުރު ބަޔަކު ވަނީ މިހާރު ކޮވިޑް-19 އަށް ފައްސިވެފައެވެ.

ފުވައްމުލައް ފެތުރެމުންދާއިރު، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި، އެ ސިޓީގެ ހުޅުމީދޫގައިވެސް ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. އަދި ގދ. ތިނަދޫންވެސް ކޮވިޑް-19 ވަނީ ފެތުރިފައެވެ.

ފުވައްމުލަކުގައި ކޮވިޑް-19 ފެތުރެމުންދާތީ އެ ރަށާއި އައްޑޫ އާއި ތިނަދޫ ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.

ރާއްޖެ އިން މިހާތަނަށް 17،201 މީހުން ކޮވިޑް-19 އަށް ފައްސިވި އިރު، މި ބަލީގައި ނިޔާވެފައި ވަނީ 56 މީހުންނެވެ. މި ބަލީގައި މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،160 މީހަކަށެވެ. އޭގެ ތެރެއިން 214 މީހަކަށް ފަރުވާދެނީ އެޑްމިޓްކޮށްގެންނެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 14،978 މީހުންނެވެ.