ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮންނައިރު ވެސް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ދިމިޤްރާތީ މުޖުތަމަޢެއްގައި ކޮންމެ ފަރުދަކަށްވެސް ލިބެންޖެހޭ ޙައްޤެއްކަން ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގަބޫލުކުރާ ކަމަށާއި މިއީ ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ތަންފީޒީ އިދާރާތަކުންވެސް އިޙްތިރާމް ކުރަންޖެހޭނެ ޙައްޤެއްކަންވެސް ކޮމިޝަނުންދެކޭ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެޗްއާރްސީއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޞިއްޙަތުގެ ނުރައްކަލުގައި މުޅި ދުނިޔެ އޮތް މި ދަނޑިވަޅުގައި ރާއްޖެއިންވެސް ކޯވިޑް-19 ޖެހިގެން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު މިޙާލަތުގައި، ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ ޚިލާފަށް، އެއްވެއުޅުމާއި މުޒާހަރާކުރުމަކީ އެޗްއާރްސީއެމް އިން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ.

އެޗްއާރްސީއެމް އިން ބުނީ މިހާރު މާލޭގައި ޕީޕީއެމް އަދި ޕީއެންސީން ސިލްސިލާކޮށް ކުރަމުންގެންދާ މުޒާހަރާތައް މިކޮމިޝަނުގެ ޓީމުތަކުން މޮނިޓަރކޮށް ބެލިއިރު މުޒާހަރާގެ ބައެއް ބައިވެރިންގެ ފަރާތުން އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް ޢަމަލުތައް ބަހައްޓަމުން ގެންދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިކަމުގެ ސަބަބުން ކޮވިޑް-19 ފެތުރުމުގެ ފުރުޞަތު އިތުރުވެ، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭތީ، އެއްވެ އުޅުމާ ޚިޔާލުފާޅުކުރުމުގެ ޙައްޤު ބޭނުންކުރުމުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި، ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކަށް ތަބާވެ، ގައިޑްލައިންތަކާއި އެއްގޮތަށް މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށް މި ކޮމިޝަނުން ނަސޭހަތްތެރިވެ އިލްތިމާސްކުރަމެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ފުލުހުން މުޒާހަރާގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާއިރު މުޒާހަރާ ރޫޅާލުމުގެ ކަންކަން ކުރިއަށްގެންދަވާއިރުވެސް ގަވާއިދުތަކާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ބާރުގެ ބޭނުން ކުރެއްވުމަށާއި މުޒާހަރާ މޮނިޓަރ ކުރައްވާ މީޑިއާގެ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަންވެސް ކަށަވަރުކޮށްދެއްވުމަށް ކޮމިޝަނުން އިލްތިމާސްކުރާކަމަށް ބަޔާނުގައި ވެއެވެ.

ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ދިވެހި ރާއްޖޭގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤަކަށްވީ ހިނދު، މި ޙާލަތާ ގުޅިގެން ޢާއްމުން ރައްކާތެރިކޮށް، މި ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހުނު ފިޔަވަޅުތަކާއެކު ޢާއްމު ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅިގެން އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ކުރަމުން އައިގޮތްވެސް ވަނީ ބަދަލުކުރަން ޖެހިފައި ކަމަށް އެޗްއާރްސީއެމް އިން ވިދާޅުވިއެވެ.