މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ފާއިތުވި ތިން ދުވަހާއި އަޅައި ބަލާއިރު މަދުވި ނަމަވެސް މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދާއި ކޮވިޑަށް ފައްސިވި އިންސައްތައަށް ބަލާއިރު ފައްސިވި ނިސްބަތް އިތުރު ކަމަށް ދައްކައިފިއެވެ.

ފާއިތުވި އެއްމަސް ދުވަހަށް ބަލާއިރުވެސް ކޮވިޑަށް ޓެސްޓްކުރި ނިސްބަތައް ބަލާއިރު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އެންމެ މަތީގައި ހުރީ މިއަދު އެވެ. މިއަދު 2556 މީހުން ކޮވިޑަށް ޓެސްޓްކުރިއިރު އޭގެތެރެއިން 318 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން ޓެސްޓްކުރި މީހުންގެ %12 ވަނީ ކޮވިޑަށް މިއަދު ފައްސިވެފައެވެ.

އިއްޔެ އަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އިއްޔެ 464 މީހުން ކޮވިޑަށް ފައްސިވިއެވެ. އެއީ 3948 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ. އެހެންކަމުން އިއްޔެ ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %11.75 މީހުންނެވެ.

އޭޕްރީލް މަހުގެ 27 ވަނަ ދުވަހު 386 މީހުން ކޮވިޑަށް ފައްސިވީ 4009 މީހުން ޓެސްޓް ކޮށްގެންނެވެ. އެދުވަހު ފައްސިވީ ޓެސްޓް ކުރި މީހުންގެ %9.63 މީހުންނެވެ.

އޭޕްރީލް 26 ވަނަ ދުވަހު 3252 މީހުން ޓެސްޓްކޮށްގެން %10.09 މީހުން ފައްސިވިއެވެ. އެއީ 328 މީހުންނެވެ. އޭޕްރީލް 25 ވަނަ ދުވަހު 3549 މީހުން ޓެސްޓް ކޮށްގެން 253 މީހުން ފައްސިވިއެވެ. އެއީ %7.13 މީހުންނެވެ. އޭޕްރީލް 24 ވަނަ ދުވަހު 3375 މީހުން ޓެސްޓް ކޮށްގެން 218 މީހުން ފައްސިވިއެވެ. އޭޕްރީލް 22 ވަނަ ދުވަހު 3000 މީހުން ޓެސްޓް ކޮށްގެން 164 މީހުން ފައްސިވިއެވެ. އެއީ %5.47 މީހުންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އޭޕްރީމް މަހުގެ 01 ވަނަ ދުވަހު ރާއްޖެ އިން 101 މީހުން ކޮވިޑަށް ފައްސިވީ 3635 މީހުން ޓެސްޓް ކޮށްގެންނެވެ. އެދުވަހު ފައްސިވެފައި ވަނީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ %2.79 މީހުންނެވެ. އެހެންކަމުން ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް މިވަނީ %2 އިން %12 އަށް އިތުރުވެފައެވެ.

ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު މިއަދު މަދުކޮށްފައި ވާއިރު ފަހަކަށް އައިސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާ ނިސްބަތައް ބަލައިގެން ޓެސްޓް ކުރުން އިތުރު ނުކުރާކަން ފާހަގަ ކުރެވެއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ބައެއް ދުވަސް ދުވަހު 5000 އަށްވުރެ ގިނަ މީހުން ވެސް ކޮވިޑަށް ޓެސްޓް ކުރިއެވެ. ނަމަވެސް އޭޕްރީލް މަހުގެ 29 ދުވަހަށް ބަލާއިރު އެވްރެޖްކޮށް ދުވާލަކު ކޮށްފައި ވަނީ 3100 ޓެސްޓެވެ.

ކޮވިޑުން ރައްކާތެރިވުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ވީހާވެސް އަވަހަށް ކޮވިޑަށް ޓެސްޓް ކުރުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޛފހޗފވ

  މިކަހަލަ ހަބަރު ގްރާފެއް ނުވަތަ ޗާޓެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ގެނެސް ދިންނަމަ އިތުރައް ފުރިހަމަވާނެ.

 2. ކޮވެލި

  މިއަދު ޓެސްޓް ކުރި އަދަދު މަދޭ ނުކިޔާ މި އުޅެނީ ހަދާ ޓެސްޓެއްގެ ނަތީޖާ ނުލިބިގެން 5 ދުވަސް މިވަނީ

 3. ޕުޗުސް

  ފައްސި ވާ މީހުންގެ އަދަދު މާދަމާ 0 ވާނެ ޓެސްޓުކުރުން ހުއްޓާލީމަ. ތޭންކްސް އޮބާމާ.

 4. ނުވާނެނުވާނެ

  މައިމޫނާޔާ ނަޒުލާއާ އިސްތިއުފާ މި މީހުންނަކަށް ނުވާނެ މިކަމެއް

  4
  2