ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް އައްޑޫ އާއި ފުވައްމުލަކުގައި ކާފިއު އިއުލާނު ކޮށްފިއެވެ.

ފުވައްމުލަކާއި އައްޑޫގައި ކާފިއު އިއުލާނު ކޮށްފައިވަނީ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވަމުން އަންނާތީ ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

އެގޮތުން މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 4:00 އަށް އައްޑުގައި ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ. އަދި މި ވަގުތުގައި ފުވައްމުލަކުގައި ވެސް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އައްޑޫ އާއި ފުވައްމުލަކުގެ ސްކޫލްތަކާއި ރެސްޓޯރެންޓްތައް ބަންދު ކުރުމަށް ވެސް ވަނީ އަންގާފައެވެ. އަދި އައްޑޫގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރު ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

އައްޑޫއިން މިހާތަނަށް 37 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 16 މީހުންނަކީ ހުޅުމީދޫއިން ފައްސިވެފައިވާ މީހުންނެވެ. އަދި ފުވައްމުލަކު ސިޓީން ވެސް 16 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.