ލޯކަލް ކައުންސިލްތަކުގެ ނައިބުން އިންތިޚާބު ކުރުމުގައި އެމްޑީޕީގެ އިންތިޚާބީ ކައުންސިލަރުން އަމަލު ކުރަން އެދޭ ގޮތް އެ ޕާޓީން އަންގައިފިއެވެ.

އެމްޑީޕީން ރޭ އާންމު ކުރި އިއުލާނެއްގައިވާ ގޮތުން، އަތޮޅު ކައުންސިލަށް އިންތިޚާބުވެފައިވާ އެ އަތޮޅަކުން އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބު ވެފައިވާ އެމްޑީޕީގެ ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން ނެރޭނެ އެއް ކެންޑިޑޭޓަކު، އެ ކެންޑިޑޭޓްތަކުގެ ތެރެއިން ކަނޑައަޅައި ވިޕް ލައިނެއް ނެރެން ޖެހޭނެއެވެ. އަދި ކައުންސިލް ބައްދަލުވުމުގައި އެމްޑީޕީގެ އެހެން ކެންޑިޑޭޓަކު ކުރިމަތި ނުލާން އަންގާފައިވެއެވެ.

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގައި ވެސް ނައިބުން އިންތިޚާބު ކުރުމަށް، އެ ސިޓީއެއްގެ ނުވަތަ ރަށެއްގެ އެމްޑީޕީގެ ލީޑާޝިޕާއި، އިންތިޚާބުވި ކައުންސިލަރުންގެ މެދުގައި ވޯޓެއް ނަގައިގެން އެއް ކެންޑިޑޭޓަކު ކަނޑައަޅައި ވިޕް ލައިނެއް ނެރުމަށް އަންގާފައިވެއެވެ.

އިންތިޚާބީ ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މާދަމާ ކުރިއަށް ގެންދަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ނިންމާފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ރަށު ކައުންސިލްތަކުގެ ރައީސުން، އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިޚާބު ކުރީ ރައްޔިތުންގެ ވޯޓަކުންނެވެ. އެހެން ވިޔަސް ކައުންސިލްތަކުގެ ނައިބުން ކަނޑައަޅާނީ ކުރިން ވެސް އޮންނަ އުސޫލުގެ ތެރެއިން އިންތިޚާބީ ކައުންސިލަރުންގެ މެދުގައި ދެވޭ ވޯޓަކުންނެވެ.

މި އިންތިޚާބުގައި އެމްޑީޕީން ވަނީ 400 އެއްހާ ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު ޕީޕީއެމްއިން ވަނީ 330 އެއްހާ ގޮނޑި ކާމިޔާބުކޮށްފައެވެ. ވެރިރަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ މެޖޯރިޓީ ފުރަތަމަ ފަހަރަށް ޕީޕީއެމުން ވަނީ ހޯދައިފައެވެ. އައްޑޫ ސިޓީ ކައުންސިލްގައި އޮތީ އެންމެ ގޮނޑިއެއް އިތުރަށް އެމްޑީޕީއަށް ލިބިގެން ހަނި މެޖޯރިޓީއެކެވެ. ކުޅުދުއްފުށި ސިޓީއާއި ފުވައްމުލައް ސިޓީގައި އޮންނާނީ އެމްޑީޕީގެ މެޖޯރިޓީއެވެ.