ލޯކަލް ކައުންސިލްތަކުގެ އާ ދައުރަށް އިންތިޚާބުވި ކައުންސިލަރުން މިއަދު ވަނީ މަގާމުގެ ހުވާކުރައްވައިފައެވެ. އާ ކައުންސިލަރުން މަގާމާ ހަވާލުވެފައި މިވަނީ ރާއްޖެއާއި ދުނިޔޭގެ މަސްރަހު ވެސް ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން އޮތުމުން ބައެއް ރަށްރަށުގައި މާ ބޮޑު ރަސްމިއްޔާތެއް ވެސް ނެތެވެ. ރަސްމިއްޔާތެއް އޮތް ރަށްރަށުގައި ވެސް ކުރިއަށް ދިޔައީ "ކުރު" ގޮތަކަށެވެ.
މިއަދު ފޭސްބުކާއި ޓްވީޓާ ފަދަ މީސް މީޑިއާގައި ވަނީ މުޅިން ވެސް މީގެ ޕޯސްޓްތަކެވެ. ކުރީގެ ދައުރުގެ ކައުންސިލަރުންނަށް އަލްވަދާއު ކިއުމުގެ މެސެޖްއެވެ. އަދި އާ ދައުރުގެ ކައުންސިލަރުންނަށް މަރުޚަބާ ކިއުމުގެ މެސެޖްތަކެވެ.
މިގޮތުން މީސް މީޑިއާއިން ފެނުނީ އެހެން ކައުންސިލްތަކާ ތަފާތު ފޮޓޯއެކެވެ.
އެއީ ތ. ކިނބިދޫއިން އިންތިހާބުވި ކައުންސިލް މެމްބަރުންނާއި އަންހެނުން ކޮމިޓީގެ މެމްބަރުން މަގާމުގެ ހުވާ ކުރުމަށް ފަހު، އެ ރަސްމިއްޔާތުގައި އެ ކައުންސިލަރުން އެކުގައި ނަގާފައިވާ ފޮޓޯއެކެވެ. އެހެން ކައުންސިލް ތަކުން އަދި ނުފެންނަ ތަފާތު، ނަމޫނާ މިސާލެކެވެ.
އެ ކައުންސިލަރުން ތިބީ ފަލަސްތީނުގެ ދިދަ ހިފައިގެންނެވެ. ދުނިޔޭގެ މަސްރަހުގައި އެންމެ ގަދައަށް ދެކެވޭ ވާހަކައެވެ. އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނާއެކު އެ ކައުންސިލަރުން ތިބި ކަން މި ވަނީ އަންގާ ދީފައެވެ.
މީސް މީޑިއާގައި ގިނަ ބަޔެއްގެ ސަމާލު ކަން ވެސް މި ފޮޓޯއަށް އަންނަނީ ލިބެމުންނެވެ. ގިނަ ބަޔަކު ދަނީ މި ފޮޓޯ ޝެއާ ކުރަމުންނެވެ. ފޭސްބުކްގެ ގިނަ ޕޭޖްތަކާއި ޕަބްލިކް ގްރޫޕްތަކުގައި ވެސް މި ފޮޓޯ ދަނީ ދައުރުވަމުންނެވެ. މަގާމުގެ ހުވާ ކުރުމަށް ފަހު، ހުވާގައިވާ ގޮތުގެ މަތިން މާތްވެގެންދާ އިސްލާމް ދީނަށް ހިތަން ޖެހޭ ހުރުމަތާއި އިންސާނިއްޔަތު ކަމަށް އޮތް ލޯބި ދައްކުވައިދިނީތީ ގިނަ ބަޔަކު ދަނީ ތައުރީފް ވެސް ކުރަމުންނެވެ.
ކިނބިދޫ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ މެންބަރުންނާއި ކިނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މިއަދު ހުވާކުރެއްވި މެންބަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ. ކައުންސިލްގެ މަގާމާއެކު ދެއްކެވި ނަމޫނާއަށް ވެސް ޓަކައެވެ.
އިސްރާއީލުން އިރުމަތީ ގުދުސްގެ މައްޗަށް ވެރިވެގަތީ 1967 ގައެވެ. އޭރު ހިނގި އަރަބި-އިސްރާއީލް ހަނގުރާމައިގެ ތެރެއިންނެވެ. އޭގެ ފަހުން ފަލަސްތީނުގެ ބިމަށް ވެރިވެގަންނަން އިސްރާއީލުން ދަނީ އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންނެވެ. އެ ކަމުގެ ތެރެއިން ފަލަސްތީނުގެ ބިންތަކަށް ހަމަލާ ދިނުމާއި ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އެކި އަނިޔާތައް ދެމުންދެއެވެ.
މި މައްސަލައަށް ބައިނަލް އަގްވާމީ ފަރާތްތަކަށް މިހާތަނަށް ވެސް ހައްލެއް ގެނެސްދިނުމަށް ކުރެވުނު މާބޮޑު މަސައްކަތެއް ނެތެވެ. އެހެންވިޔަސް ދުނިޔޭގެ ގިނަ ގައުމުތަކުން ގެންދަނީ އިސްރާއީލްގެ އަމަލުތައް ކުށްވެރި ކުރަމުންނެވެ.