ރާއްޖެ އިން ކޮވިޑް ބަލީގައި އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ.

މިއީ މިއަދު އެ ބަލީގައި ނިޔާވި ދެ ވަނަ މީހާއެވެ. މިހާތަނަށް އައިއިރު ރާއްޖެ އިން ކޮވިޑް ބަލީގައި 150 މީހުން ދުނިޔެ ދޫކޮށްފައިވެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި އެމީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 7:55 ގައެވެ.

ކޮވިޑް ޖެހިގެން މެއި މަހު ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި މެއި މަހުގެ މިހާތަނަށް 77 މީހަކު ވަނީ ކޮވިޑް ބަލީގައި މި ދުނިޔެ ދޫކޮށްފައެވެ. މި މެއި މަހަކީ އެންމެ ގިނަ ބަޔަކު ކޮވިޑް ބަލީގައި ނިޔާވި މަހެވެ.

މި ބަލީގައި މިހާތަނަށް ނިޔާވި މީހުންނަކީ 134 ދިވެހިންނާއި، 16 ބިދޭސީންނެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ނިޔާވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ. ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ އުމުރުން ދުވަސްވީ މީހުންނެވެ.

ނިޔާވި މީހުންގެ ތެރޭގައި ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ވެސް ހިމެނެއެވެ.

ރާއްޖޭގަ މިހާތަނަށް 59،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ އިރު، މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 24،000 އަށްވުރެ މައްޗެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 285 އަށް އަރައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މާލޭގައި އަޅާފައި ހުރި ފިޔަވަޅުތަކަށެވެ. މާލޭގައި ހަވީރު 4:00 އިން ފެށިގެން ހެނދުނު 8:00 އަށް ކާފިއު ގަޑި ވަނީ އިއުލާންކޮށްފައެވެ. ކާފިއު ގަޑި ނޫނަސް، ގެއިން ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުމެއްގައެވެ. އަދި ބޭރަށް ނުކުންނަ ނަމަ، ފުލުހުންގެ ހުއްދަ ހޯދަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜަނާ

    މިހާރު މިއޮތީ ބޭނުން ގޮތަކަށް އުޅު މުގެ ހުއްދަ ލިބިފަ އެބުނަނީ ބަލި ރަގަޅުވި ކަމުގެ ނޯޓެއް ނުފޮނުވާ ނަމޭ މުއްދަތު ހަމަވީމަ އަމިއްލައަށް ނުކުންނަން ވީއޭ. ބަލި ހުއްޓަ ސް ނުކުމެ އުޅޭތަން ދެން ފެންނާނީ