އުދަ އެރުމުގެ ސަބަބުން ކ.ދިއްފުށްޓަށް ގެއްލުންތަކެއް ވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވުމަށް ފަހު، މައްސަލަ ހުށަހެޅުއްވި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްގެ ސިސްޓަމަށް ދިމާވި ޓެކްނިކަލ މައްސަލައަކާ ގުޅިގެން އެ މައްސަލަ ކުރިއަށް ނުގެންދެވިގެން އެޖެންޑާގައި ހިމެނޭ އެހެން މަސައްކަތްތައް ފަށައިފިއެވެ.

ދިއްފުށި ހިމެނޭ އެ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އިބްރާހީމް ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސް ކުރީ 21 މެންބަރުންގެ ވޯޓުންނެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ 7 މެންބަރަކު ތިއްބެވިއެވެ.

މި މައްސަލަ ބަހުސަށް ހުޅުވާލަން ފާސްވުމުން، މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ބަހުސްގެ ފުރަތަމަ ފުުރުސަތު މައްސަލަ ހުށަހެޅުއްވި މެންބަރަށް ދެއްވުމުގެ ގޮތުން ނަސީމަށް ފުރުސަތު ދެއްވިއެވެ. އެކަމަކު ނަސީމްގެ ފޯނު އޭރު ވަނީ ހޯލްޑްގައެވެ. އެހެންވެ އެ މައްސަލަ ދެން ކުރިއަށް ގެންދެވެން ނެތް ކަމަށް ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވިއެވެ.

ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ 2004 ގެ ސުނާމީއަށް ފަހު ރަށުގެ ހުޅަނގު ފަރާތު އަތިރިމަތީގެ ފަސްގަނޑު ވަރަށް ބޮޑަށް ތިރިވެފައިވާ ކަން ފާހަގަކުރައްވާފައިވެއެވެ.

ދެން މީގެ ހައެއްކަ އަހަރު ކުރިން ދިއްފުށްޓާއި ކުޑަވިލިނގިއްޔާ ދެމެދު ހިއްކައިގެން އިތުރު ރަށްތަކެއް ތަރައްގީ ކުރުމަށް ކުރި މަސައްކަތަށް ފަހު އުދައިގެ އަސަރު ކުރުން އިންތިހާއަށް ބޮޑުވެފައިވާ ކަން ވެސް އެ ކުއްލި މައްސަލާގައި ނަސީމް ފާހަގަ ކުރައްވާފައިވެއެވެ.

އެންމެ ފަހުން މިދިޔަ ހަފުތާގައި ކ.އަތޮޅަށް ކުރި ވިއްސާރައިގެ ތެރެއިން ވެސް ދިއްފުށްޓަށް އުދަ އަރާފައިވާ ކަން ނަސީމް ފާހަގަ ކުރެއްވިއެވެ. މިދިޔަ ހަފުތާގެ ތެރޭގައި އުދަ އެރުމުގެ އަަސަރު ބޮޑުވެފައިވާ ކަމަށް މައްސަލާގައި ބަޔާން ކުރައްވާފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މަޖިލިސް ޖަލްސާ މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މައްސަލަ ކުރިއަށް ނުގެންދެވުނީ މެންބަރުގެ ފޯން ހޯލްޑްގައި އޮތުމުން މެންބަރާއި މުއާމަލާތް ނުކުރެވުމުންނެވެ.

ފަހުން "ވަގުތު" އާ ވާހަކަ ދައްކަވަމުން މެންބަރު ނަސީމް ވިދާޅުވީ ފޯނު ހޯލްޑުގައި އޮތް ކަމަށް އެ ބުނަނީ ސިސްޓަމް ކަނެކްޓް ނުވުމުން ކަމުގައި ކަމަށް ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ވިޔަސް ފޯނު ހޯލްޑަށް ނުލާ ކަމަށާއި ވާހަކަ ނުދެކެވުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ފަހުން ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.