"ވަގުތު" ގައި ޝާޢިއުކޮށްފައިވާ ހަބަރެއް، އައްޑޫގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ "އައްޑުލައިވް" އިން އޮޅުވާލައިގެން ގެނެސްދީފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއް ކަމަށް ބުނެ، "ވަގުތު" ނޫހަށް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ރަފީގު ހުސެއިން ދެއްވި އިންޓަވިއުއަކާއި ޙަވާލާދީ އައްޑޫލައިވް އިން އޮޅުވާލައިގެން ޚަބަރު ގެނެސްދީފައިވާއިރު، އެ ނޫހުގައި ބުނެފައިވަނީ އައްޑޫގައި އެޅި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ތަރައްޤީ ކުރާ 100 އެނދުގެ ހޮސްޕިޓަލް ހުޅުވާއިރު އެތަނުން ލިބޭނީ މަދު ޚިދުމަތެއް ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ރަފީގު ހުސެއިން ވިދާޅުވެފައި ވަނީ، ތަނަށް ބޭނުންވާ ތަކެތި ގެނައުމަށް ޑޮކިއުމެންޓްރީ މަސައްކަތް ކޮށް ނިންމާފައިވާއިރު، ހޮސްޕިޓަލް ފުރަތަމަ ފަށާނީ ހުރިހާ ހިދުމަތްތަކާއި އެކުގައި ނޫން ކަމުގައެވެ. ހޮސްޕިޓަލުން ލިބޭ ޚިދުމަތްތައް މަދުވާނެ ކަމެއް ރަފީގު ވިދާޅުވެފައެއް ނުވެއެވެ. ރަފީގު ވިދާޅުވީ، ޚިދުމަތްތައް ތަޢާރަފް ކުރަމުން ގެންދާނީ ވަކިވަކިން ކަމަށެވެ.

އައްޑުލައިވް އިން ހަޤީޤަތާއި ޚިލާފަށް ގެނެސްދިން ޚަބަރުގައި އިތުރަށް ބުނެފައިވަނީ، އީސީސީ ގައި ތަރައްޤީ ކުރާ ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމޭނީ އޮކްޓޫބަރު މަހުގައި ކަމަށެވެ. ނަމަވެސް ހެލްތް މިނިސްޓްރީން "ވަގުތު"އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، އޮކްޓޫބަރަށް ހޮސްޕިޓަލުގެ މަސައްކަތް ނިމޭނެ ކަމަށާއި، ތަނަށް ބޭނުންވާ ސާމާނު އޮކްޓޫބަރގެ ކުރިން ލިބޭނެ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ޙުކުމަށް ފިލައިގެން ދިރިއުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ ކޮންވެންޝަން ސެންޓަރު، ސާކް ސަމިޓަށްފަހު ވީރާނާވަމުން ދަނިކޮށް، އެތަން މަރާމާތުކޮށް އަލުން ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވުމަށް ސަރުކާރުން ނިންމުމާއި އެކު، އެއީ ކުރެވޭނޭ ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކާއި އެފަރާތްތަކަށް ސަނާކިޔާ ފަރާތްތަކުން ކުރިން ދިޔައީ ބުނަމުންނެވެ.

ނަމަވެސް ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ މަންޒަރު ފެނި އެތަނުގައި ހަޤީޤީ ކުލަ ޖެހެން ފެށުމުން އެފަރާތްތަކުން ދަނީ ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައި ހަޤީޤަތެއްނެތް ދޮގު ވާހަކަތަކެއް ފަތުރައި ފަސާދަ އުފެއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އީސީސީގައި ތަރައްޤީކުރާ ހޮސްޕިޓަލް ފަށާނީ ބައެއް ޚިދުމަތްތަކާއި އެކު ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވާފައި ވާއިރު، މާލޭގައި އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްވެސް ފެށުމަށް ނިންމާފައި ވަނީ އެގޮތަށްކަން ފާހަގަކޮށްލެވެއެވެ. ފާއިތުވި ހަތަރު އަހަރު ސަރުކާރުން ސިއްހީ ދާއިރާއަށް ކުރި ހަރަދު 130 އިންސައްތަ އަށް ވަނީ އިތުރުވެގެން ގޮސްފައެވެ.