ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ %89 ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިއްސާވާ އެންމެ ބޮޑު ކުންފުނި، އެމްޓީސީސީން ވިދާޅުވީ ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކަނެކްޓިން ބްރިޖުގައި ސަބް އެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 18،500 ކިއުބިކް މީޓަރުގެ އާ ހާބަ ބޭސިން ފުން ކުރުމާއި 25،000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުން ކުރުމާއި 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނެއެވެ.

މީގެއިތުރުން 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއުގެ އަގަކީ 45.1 މިލިއަން ރުފިޔާއެވެ.