އިންސާނީ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ ހުށައެޅުނު މައްސަލަތަކުގެ ތެރެއިން ފަސް މައްސަލައެއް ނިންމައި ދައުވާކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ރޭ ދައުލަތުގެ މީޑީއާގައި ކުރިއަށް ދިޔަ ޕްރޮގްރާމެއްގައި އެޗްއާރްސީއެމުން ވަނީ ކޮމިޝަނަށް ހުށައެޅިފައިވާ މައްސަލަތަކާއި ނިންމި މައްސަލަތަކުގެ ތަފާސް ހިސާބުތައް ހާމަކުރައްވާފައެވެ.

ކޮމިޝަނަރު މަރިޔަމް މުނާ ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 633 މައްސަލައެއް ކޮމިޝަނަށް ހުށައެޅިފައިވާ ކަމަށެވެ. އެންމެ ގިނައިން މައްސަލަ ހުށައެޅިފައިވަނީ ޖަލުންނެވެ. ހުސްވި އަހަރު 60 މައްސަލައަކާއި މި އަހަރު 30 މައްސަލައެއް ޖަލުން ހުށައެޅިފައިވާ ކަމަށް މުނާ ވިދާޅުވިއެވެ.

ގިނައިން ހުށައެޅިފައިވަނީ ގައިދީންނަށް ލިބެން ޖެހޭ ހައްގުތައް އުނިވުމާއި ގައިދީންނަށް އިނާޔަތްތައް ނުލިބުމުގެ އިތުރުން ބޭސް ފަރުވާ ނުލިބޭ މައްސަލަތައްކަން މުނާ ހާމަކުރެއްވިއެވެ.

އެޗްއާރްސީއެމަށް، އެންޓި ޓޯޗާގެ 58 މައްސަލައެއް ވަނީ ހުށައެޅިފައެވެ. އެއީ މިދިޔަ އަހަރުގެ 44 މައްސަލައަކާއި މި އަހަރު ހުށައެޅުނު 14 މައްސަލައެކެވެ. ފުލުހުންނާ އާންމުންނާ ދެމެދު ހިނގާ މުއާމަލާތުތަކާއި ގުޅުންހުރި 40 މައްސަލައެއްވެސް ކޮމިޝަނުން ދަނީ މިހާރުވެސް ބަލަމުންނެވެ.

މުނާ ވިދާޅުވި ގޮތުގައި ކޮމިޝަނުން އެންމެ ބޮޑަށް ކަންބޮޑުވަނީ ކުޑަކުދިންނާ ގުޅޭ ގޮތުން ހުށައެޅޭ މައްސަލަތައް ކަމަށެވެ. އެގޮތުން މި އަހަރު މިހާތަނަށް 74 މައްސަލައެއް ހުށައެޅުނުކަން ކަންބޮޑުވުންފާޅު ކުރައްވާ މުނާ ވިދާޅުވިއެވެ. އެއީ މިދިޔަ އަހަރުގެ 67 މައްސަލައަކާއި މި އަހަރު ހަތް މައްސަލައެކެވެ.

މި ދެ އަހަރު ތެރޭގައި ވަޒީފާގެ މާހައުލުންވެސް ހުށައެޅުނު މައްސަލަތަކުގެ މަދެއް ނޫނެވެ. ކޮވިޑް-19 އާ އެކު އިގްތިސާދަށް އައި ލޮޅުމާއި އެކު އެތައް ބައެއްގެ ވަޒީފާ ގެއްލި ގިނަ ބަޔަކަށް މުސާރާ ނުލިބޭކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ. އެ ޝަކުވާތައް ހިމެނޭ ގޮތަށް މަސައްކަތުގެ މާހައުލުން ހުށައެޅުނު 38 މައްސަލައެއް މިހާރުވެސް ކޮމިޝަނުން ބަލަމުންދާ ކަމަށް މުނާ ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ސިއްހީ ކަންތައްތަކާއި ގުޅުންހުރި މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން މުނާ ވިދާޅުވީ، ކޮވިޑްގެ ހާލަތުގެ ސަބަބުން ލިބެންޖެހޭ ފަރުވާ ނުލިބުމާއި ފަރުވާ ދިނުން ލަސްވެގެން 38 މައްސަލައެއް ހުށައެޅުނު ކަމަށެވެ.

ކޮމިޝަނަށް ބެލި ބެލުމުން ނުވަ މައްސަލައަކީ އިންސާނީ ހައްގުތައް ގެއްލިފައިވާ މައްސަލަތައް ކަމަށްވާތީވެ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ފަސް މައްސަލައެއް ގައި ދައުވާކުރަން ޕީޖީ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ. އެއީ ސީދާ ކޮން މައްސަލަތަކެއް ކަމެއް އެޗްއާރްސީއެމުން ހާމައެއް ނުކުރެއެވެ.

އެއްވެސް ބައެއްގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ގަބޫލްކުރެވޭނަމަ މައްސަލަތައް ހުށައެޅުމަށް އެޗްްއާރްސީއެމުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    ބަލަ ތިތަން ހެދި ފުރީ މައްސަލަ ހުށަހަޅަން ނުންތޯ ދެން އެވާހަކަވެސް ދައްކަން ޖެހޭތޯ ؟

  2. އަލްޖިބްރާ

    ޖަލުގައި މީހުން ތިބެންޖެހެނީ އެމީހުން އެހެން މީހުންގެ އިންސާނީ ހައްޤު ތަކަށް އަރައިގަތީމައެވެ، އެކަމުގެ ގެއްލުންވި މީހުނަށް ލިބުނީ ކޮން ބަދަލެއް ހެއްޔެވެ؟ އެކަމަކު އަދިވެސް ޖަލުމީހުންގެ ހައްޤު ހޯދާނުދެވިގެން އުޅޭ ބަޔަކަށް ކުރެވޭނެ އެހެން ކަމެއް ނޯންނާނެ !