މީޑިޔާއަކުން ފާޅުކުރާ ހިޔާލަކާއި ގުޅިގެން އެބަޔަކަށް ފިޔަވަޅުއަޅާ، ޖޫރިމަނާ ކުރުމަކީ ސަރުކާރުން ތާއީދު ކުރާ ސިޔާސަތެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރަައީސް ވަނީ ކުޑަކުދިންނާއި ގުޅޭ ހަބަރުތައް ގެނައުމުގައި ސަމާލުވުމަށް ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އެކުދިންގެ ކަރާމަތަށް އުނިކަމެއް ނާންނާނެ ގޮތަށް، ގާނޫނީ އިމުގެ ތެރެއިން އެ ކުދިންގެ ހަބަރުތައް ގެނެސްދިނުމަށް އެމަނިކުފާނު އެދިވަޑައިގަނެފައިވެއެވެ.

ރައީސް ވިދާޅުވީ މީޑިޔާއަކުން ގެންނަ ވާހަކައަކާއި ގުޅިގެން އެ ބަޔަކަށް ފިޔަވަޅުއެޅުމަކީ އެމަނިކުފާނު ހިތްވަރުދޭ ކަމެއް ނޫން ކަމުގައެވެ. "މީޑިޔާތަކުގައި ފާޅުކުރާ ހިޔާލާއި، ޝުއޫރާއި ގުޅިގެން ފިޔަވަޅު އެޅުމަކީ ސަރުކާރުން އަޅުގަނޑުމެން އެއްވެސް ގޮތަކަށް ހިތްވަރު ދޭކަމެއް ނޫން. ތާއީދު ކުރާ ކަމެއްވެސް ނޫން. އެހެންނަމަވެސް އަޅުގަނޑުގެ އިލްތިމާސްއަކީ ކުޑަކުދިންނާއި ބެހޭ ވާހަކަތައް ލިޔާއިރު ގާނޫނުގައި ކަނޑައަޅާފައިވާ އިމުގެ ތެރެއިން އެކަންތައްތައް ކުރިއަށް ގެންދިއުން" ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވީ 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްގެން ގެންގުޅުމަށްފަހު މަރާލި ޚަބަރު ކަވަރު ކުރި މީޑިޔާތަކަށް ޖެންޑާ މިނިސްޓްރީއިން އިންޒާރުދީ ޖޫރިމަނާ ކުރި މައްސަލާގައި ނޫސްވެރިއަކު ކުރި ސުވާލަކާއި ގުޅިގެންނެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން މީޑިއާތައް ޖޫރިމަނާ ކުރީ އެ ކުއްޖާ މަރާލި މައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތާ ގުޅިގެންނެވެ.

ޖެންޑާ މިނިސްޓްރީން މީޑިޔާތަކަށް ފިޔަވަޅުއަޅާފައި ވަނީ ރާއްޖޭގެ މީޑިއާތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ލިބިފައިވާ މީޑިޔާ ކައުންސިލާއިވެސް މަޝްވަރާ ކުރުމެއް ނެތިއެވެ. މިކަމާއި ގުޅިގެން މީޑިއާ ކައުންސިލްގެ ރައީސްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ޖެންޑަރ މިނިސްޓްރީ އަކީ ދައުލަތުގެ ޚަރަދުގައި ހިންގާ ރައްޔިތުންގެ ފައިސާއިން މުސާރަދޭ ޕރައިވެޓް ތަނެއްތަ؟

  2. ޒުހުރާ

    ރައީސް މީހާގެ ފެންވަރަކީ، ސަރުކާރުގެ އިދާރާ އެއް ޕްރައިވެޓް އޮގަނައިޒޭޝަނެއް ވަކިނުވާ ފެންވަރު.

  3. Anonymous

    ރައީސް ކަމަށް އަންނ މީހުންގެ ޝަރުތުގައި ހިމަންވީ ދައުލަތާއި ދައުލަތް ނޫން ތަންތަން ވަކިކޮށް އެނގުން. ރައީސުލް ޖުމްހޫރިއްޔާ މިނިސްޓަރުން އައްޔަން ކުރާ ބޭނުން އެނގުން.

  4. ސާދު

    ރައީސްމީހާ ދޮގުހެދީމާ ފިޔަވަޅެއް އެޅޭނެ ގޮތެއް އޮތްތޯ ރައިސްމީހާ އާއި ސުވާލު ކުރަންޖެހޭ.

  5. ވާހިދު

    ދޮގުމައުލޫމާތު ދީގެން ނޫސްވެރިންލައްވާވެސް ދޮގުހަދުވާފައި އަޑީގައި ހުރެގެން ނޫސްވެރިންނަށް ފިޔަވަޅުއަޅަނީ ގަދަމީހެއް ކަލޭނޭ...

  6. ގަބުޅިބޯ

    މަނިކުފާނު ގެ އިންނަނީ ކިތައް ކުޅަނދުތޯ؟؟؟

  7. Anonymous

    އޮޅުގަ ކަބިލި ބިރުގަނއނުވަން ބަހައޓަން ރަގަޅު

  8. މަރުމޯލް

    ވަރަށް ރަނގަޅު ނިންމުމެއް

  9. ހަސަނު

    މި ފެންނަނީ ނުކެޔުވުނީމާ ދިވާވާ ކަންތަށްތަށް! އެހެންވެ މިބުނަނީ ތަޢުލީމީ ގާބިލް މީހުން ރާއީސް ކަމަށް ގެންނާޝޭ