މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ސިއްރުން މިޔަރު އުރަހަތަކެއް ރާއްޖެއިން ބޭރުކުރަން އުޅުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ރާއްޖޭން ބޭރަށް ފޮނުވަން އުޅުނު އެ މިޔަރު އުރަހަތައް އަތުލައިގަނެފައި ވަނީ ވެލާނާ އެއާޕޯޓުންނެވެ. މި ތަކެތި އަތުލައިގަތީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް އާ ގުޅިގެންނެވެ. މި ތަކެތީގެ ބަރުދަނުގައި 429 ކިލޯ ހުއްޓެވެ.

21 ފޮށީގައި ބަންދުކޮށްފައި ހުރި މިޔަރު އުރަހަ ހުރީ ލޮނު މަސް ޝިޕްމެންޓެއްގެ ގޮތުގައި ކަމަށް ކަސްޓަމްސް އިން އެއިރު ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، އެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށް، ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލާގައި ދައުވާ ކޮށްފައިވަނީ މ. ސެންޓްރޯސެމާ، ޢައްބާސް ޢަބްދުﷲގެ މައްޗަަށާއި، ހދ. ކުޅުދުއްފުށި، ކިރުދޫނިގެ، އަޙްމަދު މުޙައްމަދުގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށްވެސް ތިން ދައުވާއެއް ކޮށްފައި ވެއެވެ. އެއީ ރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުމުގެ ދައުވާ އާއި، އޮޅުވާލުމުގެ ޢަމަލެއްކުރުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާ އެވެ.

ގަވާއިދާއި ހިލާފަށް މިޔަރު ހިފައި އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުން ދެއެވެ. މީގެ ކުރިން އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަގުލު ފިއްތި

    ތިކަން ކުރެވޭތޯ ބަލާ. ވަގުންނާއި މަސްވާ ތަކެތި ބޭނުންކުރާ ބަލި ކުދިންނާއި ޑްރަގް ޑީލަރުން މިނިވަން ކަންމަތީ އުދުހެނީ. ރައްޔިތުން އުޅެނީ އެމީހުންނާއިހެދީ ނުހޮރޮއްޕާނަކަށް ވެގެން

    2
    1