ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ މަހުގެ ކުލި ކުޑަކޮށް ދިނުމަށް އެދި ހިޔާ ޔޫނިއަން އިން ރައީސް އޮފީހާ އިއްޔެ ބައްދަލުކޮށްފިއެެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500ރ. އެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާނެއެވެ. އެހެންވިޔަސް ކުރީގެ ސަރުކާރުގައި އެ އަގު ކަނޑައަޅާފައިވަނީ ޖުމުލަ 6،600ރ. އަށް ކަމަށް އެ ސަރުކާރުގެ ބޭފުޅުން ވިދާޅުވެފައިވެއެވެ.

ކުރީގެ ހައުސިން މިނިސްޓަރުގެ އަދި މިހާރު މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ވަނީ ފްލެޓްގެ އަގު 5،500ރ. އަށް ކުޑަކޮށްދޭން ސަރުކާރުގައި އެދިވަޑައިގެންފައެވެ.

ހިޔާ ޔޫނިއަނުން ރައީސް އޮފީހާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި 5600ރ. އަށް މަހު ކުލި ހަމަޖެއްސުމަށާއި، އިންޓީރިއާ ފިނިޝިންއަށް ދޭ ގްރޭސް ޕީރިއެޑް 12 މަހަށް ހެދުމުގެ އިތުރުން، ފްލެޓްގެ އިންޓީރިއާ އަށް ހަރަދުވާ އަގު ޖުމްލަ އަގުން 100،000ރ. މައާފް ކޮށްދިނުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީއާ އެކު ބޭއްވި ބައްދަލުވުމުގައި ހިޔާ ޔޫނިއަންގެ ކަންބޮޑުވުންތަށް ވީހާވެސް އަވަހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ޔޫނިއަނުން ބުނެއެވެ.

ފްލެޓްތަކުގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ނައިބް ރައީސް ފައިސަލް ނަސީމްއާ، ޔޫނިއަނުން ވަރަށް އަވަހަށް ބައްދަލުކުރާނެއެވެ.

ހިޔާ ފްލެޓްތަކުގެ އެގްރީމެންޓްގައި މި މަހުގެ 14 ވަނަ ދުވަހު ސޮއިކުރަން ފަށާނެއެވެ. ދުވާލެއްގެ މައްޗަށް ސޮއިކުރާނީ 300 މީހުންގެ އެގްރީމެންޓްގައެވެ. ފްލެޓްތަކަށް ކަރަންޓުލުމުގެ މަސައްކަތް އެ ދުވަހަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެއްވެސް މައްސަލައަކާ ހުރެ ކަރަންޓުގެ ހިދުމަތް ދިނުމަށް ލަސްތަކެއް މެދުވެރިވެއްޖެ ނަމަ، ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެވޭ ތިން މަސް ފެށޭނީ ކަރަންޓުގެ ހިދުމަތް ދެވުމުން ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.