އެމްޑީޕީއިން ގެނެސްދޭނެ ކަމަށް ވައުދުވި އިންސާފްގެ ރަހަ އެ ޕާޓީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދަށްވެސް ހިތި ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ނުހުރެވޭނެ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް، ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަކަށް މިއަދު ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވެއެވެ.

މި މެސެޖާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުވި ނިރުބަވެރި ހަމަލާއިން ހަނިގޮތަކަށް ސަލާމަތްވެފައިވާއިރު އެމަނިކުފާނުގެ ސެކިއުޓީ ވަރުގަދަ ކޮށް ރައްކާތެރިކަން ކަށަވަރުކުރަން ސަރުކާރުން މާ ބޮޑު އިސްކަމެއް ނުދޭ ކަމަށް ވިދާޅުވިއެވެ.

އަދި އޭގެ ބަަލުގައި ރައީސް ނަޝީދު ބަލިކަށިވި ދުވަހު އެ އެމަނިކުފާނާއި މެދު އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރުން އަމަލު ކުރަމުން ދަނީ "ފެންކައްކާ ބޮލީގެ އިއްޒަތް" ފަދައިން ތޯ އާދަމް ޝަރީފް ވަނީ ސުވާލު އުފައްދަވާފައެވެ.

"ސެކިއުރިޓީ ވަރުގަދަކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ ބަދަލުގައި ސަރުކާރުން ރައީސް ނަޝީދު ހަވަރަށް ދިނީތޯ؟ ނޫނީ ފެނު ކައްކާ ބޮލީގެ އިއްޒަތް ދެއްވީތޯ؟ އެމްޑީޕީއިން ހޯދަދޭން ބުނި އިންސާފުގެ ރަހަ ރައީސް ނަޝީދަށްވެސް ހިތި!" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޔާމީންގެ ފަރާތްޕުޅުން ނަޝީދު ބޭނުންފުޅުވާ ކަމެއް މިއަދު ފޮނުވި މެސެޖުގައި ލިޔުއްވާފައެއް ނުވެއެވެ. އެހެންނަމަވެސް އެމަނިކުފާނު ވަނީ ޕީޕީއެމްއަކީ ދީނީ މެދުމިނުގެ ސިޔާސަތެއް ގެންގުޅޭ ޕާޓީއަކަށް ވާނަމަ އެހީއަށް އެދޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުވި ބޮމުގެ ހަމަލާއާއި ގުޅިގެން މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވާއިރު އެކަކު ވަނީ ބަންދުން ދޫވެފައެވެ. ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި އެ އެންމެންނަކީވެސް ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުންނެވެ. ރަައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ނިރުބަވެރި ހަމަލާގެ ފަހަތުގައި ވަނީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ތަހުގީގީ އިދާރާތަކުން ބުނެއެވެ.

މި މީހުން ހައްޔަރު ކުރުމުގެ އިތުރުން އަދި އިތުރު ކަމެއް ސަރުކާރަކަށް ނުކުރެވެއެވެ. ނިރުބަވެރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންނަށް ދައުވާ ކުރަންވެސް ނުފޮނުވެއެވެ. ފޮނުވޭނެ ތާރީހެއްވެސް އަދި ނޭނގޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫދިޔަ ގޮތް ބެލުމަށްޓަކައި މަޖިލީހުން އިންކުއަރީއެއް ހެދި ނަމަވެސް އެކަމުގައި އިހުމާލުވި އެއްވެސް ފަރާތަކަށްވެސް އަދި ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުން ރައީސް ނަޝީދަށް އިންސާފް ނުލިބެއްޖެނަމަ، ޕީޕީއެމްގެ ވެރިކަމެއްގައި އެމަނިކުފާނަށް އިންސާފް ލިބިގެން ދާނެ ކަމަށެވެ.