ކ.މާފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފިއެވެ.

މި މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންއެވެ.

2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި 15 ސެޕްޓެމްބަރ 2016 ގައި މި މަސައްކަތުގެ އަމަލީ މަސައްކަތް ވަނީ ނިންމާލާފައެވެ.

މިމަޝްރޫއުއަށް ޖުމްލަ 14,999,954.25 (ސާދަ މިލިއަން، ނުވަސަތޭކަ ނުވަދިހަ ނުވަ ހާސް، ނުވަސްތޭކަ ފަންސސާސް ހަތަރު ރުފިޔާ، ފަންސަވީސް ލާރި) ވަނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައެވެ.

މިމަޝްރޫއުގެ ދަށުން، މާފުށީ ގިރާ ސަރަހައްދަށް 5000 ކޮޑިމީޓަރ ވެލިއަޅައި 440 މީޓަރު ދިގުމިނުގެ ބޮޑުހިލައިގެ 4 ގޮރޮއިން ޤާއިމުކޮށް، މި ސަރަޙައްދު ވަނީ ހިމާޔަތްކޮށްފައެވެ. މާފުށީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންކޮށްފަވާ ނިޒާމަކީ ރާއްޖޭގެ ހާލަތަށް ބަލާ، ދިރާސާކޮށް، އެންމެ އެކަށޭނޭ ނިޒާމެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވި ގޮތުގައި މިމަޝްރޫޢު ސަބަބުން ކުރިއަށް އޮތް މުސްތަޤުބަލުގައި ރަށުގެ ތަރައްގީއަށް ނުހަނު ފައިދާ ކުރާނެއެވެ. މީގެ އިތުރުން، މި މަޝްރޫޢުއަކީ މޫސުމަށް އަންނަ ބަދަލުތަކުން މިރަށާއި މި ރަށުގެ ރައްޔިތުން ރައްކާތެރިކުރުމަށް އެޅޭ ނުހަނު މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.