މާލެ އިން ކަރަންޓު ދިޔަތާ އެއް ގަޑިއިރުގެ ތެރޭގައި ހުރިހާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފިއެވެ.

ސްޓެލްކޯ އިން މިއަދު ވިދާޅުވީ ގްރޭޓަ މާލެ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު މެންދުރު 12 ޖަހާކަށް ހާއިރު ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެއާއެކު، ސްޓެލްކޯއިން ގެންދިޔައީ މުޅި މާލެއަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާރު މާލޭގެ ހުރިހާ ސަރަހައްދުތަކަށް ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ.

ސްޓެލްކޯއިން ވިދާޅުވީ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯ އިން ވިދާޅުވިއެވެ.