ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕީޕީއެމަށް ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ޕީޕީއެމްއާއި ޕީއެންސީއަކީ ދާދި އެއް ފިކުރެއް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 65 މެންބަރުންނާއެކު، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީއަށެވެ. މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އޮތީ ހަ މެންބަރުންނާއެކުއެވެ.

ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް މަޖިލީހުގެ ފަސް މެންބަރުން ގުޅިވަޑައިގަތުމުން ދެ މެންބަރަކު ހޯއްދަވައިގެން މައިނޯރިޓީއަށް ވުމުގެ ފުރުސަތު އެބަ އޮތެވެ. ނާޒިމް ވަނީ އެ ކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މި ކަމާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސްގެ މަގާމު ވެސް ހުންނެވި އާދަމް ޝަރީފް "ވަގުތު" އަށް ވިދާޅުވީ، ޕީޕީއެމްއާއި ޕީއެންސީއަކީ ދާދި އެއް ޕާޓީއެއް ކަމަށާއި، އެހެންކަމުން ޕީޕީއެމްގެ ނުވަ މެންބަރުން މަޖިލީހުގައި ތިއްބެވި ކަމަށެވެ.

"އަޅުގަނޑުމެންނަށް އޮންނާނެ ޕީއެންސީ މެންބަރުން ޕީޕީއެމްއަށް ބަދަލުކޮށްގެން މައިނޯރިޓީ ދެމެހެއްޓެން، ޕީޕީއެމްގެ ނުވަ މެންބަރުން މި ތިބީ ހަމަ، މައިނޯރިޓީ ބޭނުންވާ ބަޔަކު ޖެހޭނެ ނުވަ މެންބަރުން ހަމަ ކުރަން،" މައިނޯރިޓީ ދެމެހެއްޓޭނެ ކަމުގެ ޔަގީން ކަމާ އެކު އާދަމް ޝަރީފް ވިދާޅުވިއެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ މެޖޯރިޓީ ޕާޓީއަށް ފަހު އެންމެ މެންބަރުން ގިނަ ޕާޓީއެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް ވަނީ ވެސް މައިނޯރިޓީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރެވެ.

މިހާރު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. މެޖޯރިޓީ ލީޑަރަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، މަޖިލީހުގެ ބައެއް ނިންމުންތައް ނިންމެނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މައިނޯރިޓީ ލީޑަރު އެއްބަސްވެގެންނެވެ. މިއީ ޚާއްސަ ހާލަތްތަކުގައި މަޖިލީހުގެ ވަކި ކަމެއް އަވަސް ކުރަން ވެސް އޮންނަ އުސޫލެވެ. މައިނޯރިޓީ ޕާޓީއަށް ވުމުގެ މުހިއްމު ވަނީ މިހެންވެއެވެ.