އިންޑިއާގެ ގާތްއެކުވެރި ޤައުމަކަށްވާކަމީ ދިވެހިރާއްޖެއަށް ލިބޭ ވަރަށްބޮޑު ނަސީބެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ އިންޑިއާގެ 75 ވަނަ މިނިވަންދުވަހުގެ މުނާސަބާގައި އިންޑިއާ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ހޮޓެލްޖެންގައި ރޭ ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މީގެ 75 އަހަރު ކުރިން އިންޑިއާއިން މިނިވަންކަމަށް ކުރި ދިގު ދެމިގެންދިޔަ ބުރަ،މިންނެތް މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އިންޑިއާގެ މިނިވަންކަމަށް މަހާތުމާ ގާނދީ ގަދައަޅައި ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުން އިންޑިޔާއަށް މިނިވަންކަން ލިބުމުގެ އިތުރުން މަހާތުމާ ގާންދީވެސް ވެގެންގޮސްފައި ވަނީ އެތައްބަޔެއްގެ ލޯބިލިބި އެތައްބަޔަކަށް ގިނަގުނަ އިބްރަތްތަކެއް ލިއްބައިދިން އަދި 20 ވަނަ ގަރުނު ދުނިޔެދުށް އެންމެ ވަރުގަދަ އެއް ލީޑަރަށްކަން ނައިބު ރައީސް ފައިސަލް ފާހަގަކުރެއްވިއެވެ.

މިނިވަންކަން ލިބުމަށްފަހު އިންޑިއާއިން ވަނީ އެތައް ރޮނގަކުން ހޯދިކުރިއެރުންތަކާއެކު ދުނިޔޭގެ ބޮޑެތި ބާރުތަކާ އެއް ސަފެއްގައި ފައިހަމަކޮށްފައި ކަމަށާއި އެހެންކަމުން ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ޤައުމެއްގެ އިތުރުން އިންޑިއާގެ ގާތްއެކުވެރި ޤައުމަކަށްވާކަމީ ލިބޭ ވަރަށްބޮޑު ނަސީބެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދެޤައުމުގެ ސިޔާސީ ގުޅުން ޤާއިމުވުމުގެ އެތައް ސަތޭކަ އަހަރެއްގެ ކުރިން ވެސް ދެ ޤައުމުގެ އެކުވެރިކަމުގެ ގުޅުންތައް ފެށިފައިވާކަމަށާއި އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ނެއްޓި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާއެކު ރާއްޖޭގެ މިނިވަންކަން ފުރަތަމަ ބަލައިގަތް ޤައުމުތަކުގެ ތެރޭގައި ވެސް އިންޑިޔާ ހިމެނޭ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން އެކިދާއިރާތަކުން ދެ ޤައުމުގެ ގުޅުންތައް ބަދަހިވަމުން އައިސް ޚާއްޞަކޮށް ފާއިތުވެދިޔަ ތިން އަހަރަކީ އިންޑިޔާއާ ރާއްޖޭގެ ގުޅުން މަތީ ހަރުފަތަކަށް ގެންދެވިފައިވާ އަހަރުތަކެއްކަން ފާހަގަކުރައްވައި މި މުއްދަތުގައި ދެ ޤައުމުގެ އެންމެ މަތީ ފަންތީގެ ބޭފުޅުންގެ ޒިޔާރަތްކުރެއްވުންތައް އިތުރުވުމާއި އިތުރުދާއިރާތަކުން ދެޤައުމުގެ ގުޅުންތައް ބޮޑޮތަނުން ފުޅާވެގެން ގޮސްފައިވާކަމުގައި ފައިސަލް ވިދާޅުވިއެވެ.

އިންޑިޔާއަކީ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން، ރާއްޖެއިން އެހީތެރިކަމަށް ބޭނުންވާ ކޮންމެ ފަހަރަކު އެންމެ އަވަހަށް އިޖާބަދޭ އެއް ޤައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް އިޖްތިމާޢީ ތަރައްޤީގެ ދާއިރާއިން އިންޑިޔާގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މަޝްރޫޢުތަކާ އަދި ޚާއްޞަކޮށް އިންޑިޔާގެ އެހީގައި ގެންދާ" ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ތަކާއެކު ސަރުކާރުން ލާމަރުކަޒީގޮތުން ރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތަކަށް އިތުރު ހަލުވިކަމެއް ލިބި މުޅި ރާއްޖޭގެ އާންމު ދިރިއުޅުމުގެ ޙާލަތަށް ކުރިއެރުންތައް ލިބެމުން އަންނަކަމުގައިވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލްގެ ވާހަކަފުޅުގައި ފާއިތުވި އަހަރު ކޮވިޑް-19ގެ ބަލި މަޑުކަމާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމުގައި އިންޑިޔާ ސަރުކާރުން އެކިގޮތްގޮތުން ލިބުނު އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އެގޮތުން ކޯވިޑް-19 ފެށިގެން އައިއިރު ވޫހާންގައި ބަންދުވެފައިތިބި ދިވެހިން ޤައުމަށް ގެނެސްދިނުމާއި ބޭހުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާނާގެ އެހީތެރިކަމާއި އަދި އިންޑިޔާއިން ބޭރަށް ފުރަތަމަ ޤައުމަކަށް ހަދިޔާކުރި ވެކްސިންގ ޑޯޒްގެ ގޮތުގައި އިންޑިޔާއިން 200،000 ވެކްސިން ހަދިޔާކުރިކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފައިސަލްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ މި ދެ ޤައުމުގެ ގުޅުމަކީ ދެ ޤައުމުގެ ރަސްމީ ގުޅުންތަކަށްވުރެ މާފުޅާ ވަރަށް ޚާއްޞަ ބަދަހި ގުޅުމެއްކަން ފާހަގަކުރައްވައި އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައި ދިއުމަށް އެދިވަޑައިގަންނަވާފައެވެ.

މި ޙަފްލާގައި ރާއްޖެއާ އިންޑިޔާއާ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ވީޑިޔޯ ޕްރެޒެންޓޭޝަނަކާއި ސާފުބޯފެނާއި މަގުހެދުމުގެ މަޝްރޫޢާ ގުޅޭ ވީޑިޔޯ ޕްރެންޓޭޝަނެއް ހުށަހަޅައިދިނެވެ. އަދި މި ޙަފްލާގައި އިންޑިއަން ކަލްޗަރަލް ސެންޓަރުގެ އައިޓަމްތައްވެސް ހުށަހަޅައިދިނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ތިކަހަލަ ކޮންމެ ގައްދާރަކައް އިންޑިޔާ ވާނީ ގާތް ބަޔަކައް

  2. ޒަބީބު

    ދާދި ފަހުން ނިމިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު އަހަރެމެން ދިވެހިންވެސް މިނިވަން ދުވަސް ފާހަގަ ކޮށްފި. އެކަަމަކު ދިވެހިރާއްޖޭގެ ނައިބުރައީސް އާއި އެހެނިހެން އިސް ވެރިންގެ ހަނދާނަކު ދިވެހި ރައްޔިތުންގެ މިނިވަންކަން ހޯދުމަށް އެއިރުގެ ރައީސް އިބްރާހިމް ނާސިރު ކުރެއްވި ހައްސާސް އަދި ދިގު ދަތުރުގެ ވާހަކައެއް ނެތް. އަދި އެމަނިކުފާނުގެ ހިކްމަތްތެރިކަމުގެ ވާހަކައެއް ނެތް. މިހާ ޖޯޝާއި ފޯރީގައި އެވާހަކައެއް ނުދައްކަވާ. އެކަމަކު އިންޑިއާގެ މިނިވަންދުވަހު ނާއިބު ރައީސް ވެސް ވަރަށް ޖޯޝާއި ފޯރީގައި އެޤައުމުގެ މިނިވަންދުވަހުގެ ވާހަކަ އެބަދައްކަވާ. އަދި މަހާތުމާ ގާނދީގެ މޮޅުކަމާއި ހިކުމަތުގެ ވާހަކަ އެބަ ދައްކަވާ.

    ދަންނަވަންތޯ އެއިރު އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށަށް މިޤައުމު ދިޔަ ވަގުތު ދިވެހިރާއްޖެ ގިސްލާ ރުއި ވަރަށް ވުރެ ބާރަށް އެއަށްވުރެ މާ ހިތްދަތިކަމާއިއެކު ދިވެހި މިބިންވެސް މިއަދު މިދަނީ އިންޑިއާގެ އަޅުވެތިކަމުގެ ސަބަބުން ގިސްލާ ރޮމުން. އެކަމަކު ނާއިބު ރައީސްގެ ތައުރީފް ތިޔަ އޮއްސަވަނީ އިންޑިއާ އަށް.

    ހަޤީޤަތުގައި ދިވެހިންނަށް އިންޑިއާއިން މާބޮޑަށް ޝުކުރުވެރި ވާންޖެހޭ. ސަބަބަކީ އިންޑިއާ ކަނޑާއި އަރަބިކަނޑު ބައްދަލުވާ ހިސާބު މެދުގައި ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި އޮވެ ދިވެހިރާއްޖެ އިންޑިއާ އާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ސުލްހަމަސްލަސް ކްން ދެމެހެއްޓުމަށްޓަކައި ވެފައިވާ ޤުރުބާނީގެ ސަބަބުން. އިންޑިއާ އާއި އިންޑިއާ ކަނޑުގެ ސަލާމަތަށް ދޭ އަހަންމިއްޔަތެއްގެ ބޮޑުކަމުން ދިވެހިރާއްޖެ ވަނީ އެކުވެރި އެހެނިހެން ޤައުމުތަކުން ދިވެހިންނަށް ހުށަހެޅި އެތައް ތަރައްޤީގެ މަޝްރޫއު ވެސް ޤަބޫލު ނުކޮށް ދޫކޮށްލާފައި. ދިވެހިރާއްޖެ ނޫން ކޮން ޤައުމެއްތޯ އަމިއްލަ ތަރައްޤީގެ ކަންކަން ނިއްމުމުގައި އެކުވެރި ޤައުމުތަކުގެ ސަލާމަތަށް ބަލައިގެން ކުރިއަށް ދަނީ؟

    ވީމާ ހަޤީޤަތުގައި އިންޑިއާގެ ގާތްއެކުވެރި ޤައުމަކަށް ދިވެހިރާއްޖެ ވީކަމީ އިންޑިއާ އަށް ލިބިފައިވާ އަގު ނުކުރެވޭ ބޮޑު ނަސީބެއް ނޫންތޯ؟ ނާއިބު ރައީސް ތިޔަހުންނެވީ ވަރަށް ބޮޑަށް އިޅިވަޑައިގެންފަ!!!

  3. Anonymous

    ކޮންމެ އެހީއަކަށް އެދުނަސް ޗައިނާއިންވެސް އެހީވާނެ މާބޮޑަށްވެސް، ޗައިނާގެ ސިފައިންނާއި ބޯޓްގަނޑަކާއި ހެލިކޮތަޅެއް، ބާއްވައިގެން މިތަން ހިސާރު ކުރާކަށް ޗައިނާ ބޭނުމެއްނުވާނެ.

  4. ނެތީމޭ

    އިންޑިއާ އަށް ވާނީ އަފްއާންގައި އެމެރިކާ އަށްވީ ގޮތޭ މަމެން ބުނަން ނެތީމޭ

  5. އަނަސު

    ރާއްޖޭ ރައްޔިތުންގެ ނަސީބަކީ މޯދީކަހަލަ ޓެރަރިސްޓަކު ބުނާހައިގޮތެއް ހެދުން ކަމުގައިވާނަމަ ސެން ދައްކާނެ އިތުރުވާހަކައެއްތް! ނާއިބު ރައީސަކަމަށް ކުފޫ ހަމަނުވާމީހެއްތިއީ! ރަގަޅީ މޯދީ ބުނާހައިގޮތް ހެދުންތޯ!ނަވަތަ ދިވެހިން އަމިއްލަފައިމައްޗަށް ތެދުވުންތޯ؟ ނާއިބު ރއީސް ބަލަން ހުންނާތި އިންޑިޔާ މީހުން މިރާއްޖެ ޖަހައިގަންނާނެ!

  6. މުފައްކިރު.

    އިންޑިއާ ދިވެހި އެކުވެރިއަކަށްވި ކަމީ ދިވެހިންގެ ބަދު ނަސީބު. މިކަން އެގޭނީ ހެދިފައިވާ އެއްބަސްވުން ތަކަށް އިންޑިއާ ބާރުފޯރުވަން ފެށި ދުވަހަކުން. ދިވެހިރައްޔަތުންގެ ހޭލުންތެރިކަން މިހާރު ކުޑައެއްނޫން. ވީމާ މިކަހަލަ މެސެޖްތައް ދިނުމަކުން ހަގީގަތް ނުފޮރުވޭނެ.

  7. ޖަމީލް

    ކޮށް އެކުވެ ރިކަމެއް ވިސާ ހޯދަށް އެމްބަސީ ކާ ރީގައި
    ސަލާމް ޖަހަން.

  8. ަމީމު

    ނައިބު ރައީސް ޖީ އެވެ. ބަތާކައިގެން ތިބޭން ވެއްޖެއްޔާ ސަރުމެންނަށް ތިޔަނޫން ބަހެއް ނުބުނެވަެނެ. ކެމްޕޭނަށް ހަރަދު ކުރީ ކައު ޖީ. ލާރި ބަހައިފިނީ ކައުޖީގެ ރޯކުދިން. ވީމާ ސަރުޖީ ތިޔަނޔން ބަހެއް ބުނެފިއްޔާ ނަޱު އަރުވާނެކަން ޔަގީން

  9. މުއާވިން

    ތިބޭފުޅާ ރައީސް އޮފީހުން ނިކުމެލާ އިންޑިއާ ހައި ކޮމިޝަނާ ދިމާލައް ބަލާލަބަލަ... އެކުވެރި ކަމުން މިއުޅެނީ ވިސާ ހޯދަން އުޅޭ ހާލު.