ދިވެހި ސަރުކާރުން އެއް ދާއިރާއަކަށް އެންމެ ބޮޑު ހަރަދެއް ކުރާ ދާއިރާއަކީ މީހުން ބިނާކުރުމުގެ ދާއިރާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިގޮތަށް ވިދާޅުވެފައިވަނީ ރޭ ކުރިއަށްދިޔަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ 35ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން މީހުން ބިނާކުރުމަށް އިސްކަންދޭ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށާއި އެކަމުން އެނގިގެން ދަނީ ގައުމު ބިނާކޮށް ކުރިއެރުވުމުގައި ނަމޫނާ ކަމަށެވެ.

ޤައުމުގެ ކުރިއެރުމަށް ވޭތުދެދިޔަ ކައިރި މާޒީގައި ސަރުކާރުގެ ކުންފުނިތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުގައި ގައުމުތަކުގެ ހިންގުން ހުއްޓުނު ހިނދު ވެސް ރާއްޖޭގެ ހިންގުމުގެ ދުވެލި މަޑުމަޑުން ކުރިއަށްގެންދިޔުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅާ އެއްގޮތަށް އެންމެ މުހިއްމު މަސައްކަތެއް ކުރިީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މީހުން ބިނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އެއް ދާއިރާއަކަށް އެންމެ ބޮޑު ޚަރަދެއްކުރާ ދާއިރާއަކީ މީހުން ބިނާކުރުމުގެ ދާއިރާ ކަމަށެވެ.

"މިރޭ ފެނިގެން މިދިޔައީ ވަރަށް އުފާވާފަދަ މަންޒަރުތަކެއް. އެމްޕީއެލްއިން ތައާރަފުކުރި ސްކޮލާރޝިޕްތަކުން އެނގިގެން ދިޔައީ މީހުން ތަމްރީނުކޮށް ބިނާކުރުމަށް ދެމުންދާ އަހަންމިއްޔަތު. އެނގިވަޑައިގަންނަވާނެ ސަރުކާރުން އެއްދިމާއަކަށް އެންމެ ބޮޑު ޚަރަދެއްކުރާ ދާއިރާއަކީ މީހުން ބިނާކުރުމުގެ ދާއިރާކަން." ނައިބު ރައީސް ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ އެމްޕީއެލްގެ ހަރަދުގައި ކޮންމެ އަހަރެއްގެ އޭލެވެލް އިމްތިހާނުގައި އެންމެ މަތީ ނަތީޖާ ހޯދާ އެއް ދަރިވަރަކަށް ޑިގްރީއާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަން ހާމަ ކުރައްވާފައެވެ.

އެކަމާއި ގުޅިގެން ނައިބު ރައީސް ވިދާޅުވީ، އެފަދަ ފުރުސަތުތައް ފަހިވެގެން ދާތީ އެކަމާއި އުފާކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބުދﷲ

    އަނގަ އޮތީމަ އެއްޗެކޭ ކިޔަނީ ކޮންމެމީހަކުވެސް 40 ންދަށުގަ މޮހޮރެއްޖަހަން އެނގޭ މީހަކުވެސް ނެތް ހުރިހާ މަސައްކަތެއްކުރަނީވެސް ބަންގާޅުމީހުން އެނގެނީވެސް އެމީހުންނައް ދިވެހިންނާ އަރަބިންނާ ހަނމަ އެއްގޮތް ބަނޑުލާ ފަލަވެފަ. ސިކިޔުރިޓީވެސް ކޮންމެވެސް ގައުމަކާ ހަވާލުކޮއްފަ އިރުމަތީ ޔޫރަޕުން އުފާހޯދުން ކަމަކީ.

  2. ބަކުރު

    މިސަރުކާރުން އެންމެގިނައިން މަސައްކަތްކުރަނީ ހައުސިންޔުނިޓު ބިނާކުރުމަށާއި ތަށިމުށިޖެހުމަށް މީހުންބިނާކުރަނީ ވެރިކަމަށް ކެމްޕޭނުކުރަން .

  3. Anonymous

    ތީ ޖޯކެއް..ނުކުރޭ! ޞޭކާރު ސިޔާސީ މަގާމް ތަކަށ ކުރަނީ...މި ގައުމުގަ ހުސް ބޭރުމީހުން ވަޒީފާ ތަކގަ

  4. ޒުވާނުން

    ތިޔައީ ހުސްދޮގު އެކަން އެންމެ ރަގަޅަ އެގޭ އެއްމަސަލަ އަކީ އައްޑޫ ފުލައިން ސުކޫލް ކުދިންގެ ކިޔެވުން ހުއްޓި ކުރިއަށްދެވޭނެ މަގު ބަންދު ވެފައި ވީނަމަވެސް އެކަމަށް ސަރުކާރުން ހައްލެއް ހޯދާއި ދީފައި ނުވޭ

  5. ޟަރިއަ

    ތިބުނީ އެޑިޔުކޭޝަން މިނިސްޓަރ އަށް ހިލާލީގޭގާ ޓްރޭނިންދޭވާހަކަދޯ