ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އިސްވެ ހުންނަވާ އުފައްދަވާ ޕާޓީ ކަމުގައިވާ ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ (އެންއެސްޕީ) ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ޕާޓީ އުފައްދަން ހުށަހެޅުއްވޭނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ކަމާލުއްދީން "ވަގުތު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އީސީއިން ދީފައިވާ މުއްދަތު ހަމަވާ ތާރީޚަކީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަސް ކަމަށެވެ. ޕާޓީން މަސައްކަތް ކުރަމުން ދަނީ އެ ދުވަހުގެ ކުރިއަށް 3،000 މެންބަރުންގެ ސޮޔާއެކު ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅުއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަދި ދީފައި އޮތް މުއްދަތު ނޮވެމްބަރު 2 އަށް އެބަ ހަމަވޭ، އޭގެ ކުރިއަށް އަޅުގަނޑުމެން އެބަ ބަލަން ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅޭތޯ، ކޮވިޑާ ގުޅިގެން މުއްދަތު އިތުރު ވެސް ކޮށްދޭ ކަމަށްވޭ، އެހެންވިޔަސް އެ ދުވަހަށް އިރާދަކުރެއްވިއްޔާ ހުށަހެޅޭނެ،" ކަމާލުއްދީން ވިދާޅުވިއެވެ.

މިހާތަނަށް ސޮއި ހަމަވެފައިވާ އަދަދެއް ކަމާލުއްދީން ހާމައެއް ނުކުރައްވައެވެ.

ކަމާލުއްދީން ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާއިރު، އެ ޕާޓީގެ ފަރާތުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ދާދި ފަހުން ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާއި، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އިސްވެ ހުންނަވައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުށަހަޅުއްވައިފައެވެ. މި ފެށޭ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު ޕާޓީ އުފެއްދުމުގެ ޖަލްސާ އޮންނާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.