ރޭ، ސިއްހީ ހާލަތު ގޯސްވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދޭން ފެށި ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު (ނިޔާ) ގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ގާތް ފަރާތްތަކުން ބުނެފިއެވެ.

މެންބަރު ނިޔާޒަށް ދިމާވި ސިއްހީ މައްސަލަ އާއި ގުޅިގެން ފުރަތަމަ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ފަހުން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އޭނާ އަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގައެވެ.

ނިޔާޒްގެ ގާތް މީހަކު "ވަގުތު"އަށް މިއަދު ވިދާޅުވީ ނިޔާޒްގެ ހާލު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. އެކަމަކު ހޮސްޕިޓަލުން ދޫކޮށްލާނެ ކޮންއިރަކު ކަމެއް ވިދާޅެއް ނުވެއެވެ. ނިޔާޒަށް ދިމާވި ސިއްހީ މައްސަލަ އާއި ގުޅޭ ތަފްސީލެއް ވެސް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ނިޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެއްބަނޑުއެއްބަފާ ކޮއްކޮއެކެވެ. އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނިޔާޒަކީ އެމްޑީޕީގެ އެންމެ ސީނިއާ މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.