ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.

ޖާބިރަށް ހަމަލާދީ އއ. މަތިވެރީގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ. އެ މީހުންގެ ބަންދަށް ޖެހި ހަތް ދުވަސް ވަނީ ހަމަވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް މިއަދު ވިދާޅުވީ އެ މީހުންގެ ބަޔާން ނެގުމަށް ފަހު ދެ މީހުންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން އޭނާއާ ދެކޮޅަށް އެ ރަށު ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. މައްސަލަ ގޯސްވީ އެރަށުގައި ހުންނަ އޭނާގެ ގެސްޓްހައުސް، ބިމަށް ކުލި ނުދައްކާ ކަމަށް ބުނެއެވެ. ނަމަވެސް އެ ވާހަކަތައް ޖާބިރު ދޮގުކުރައްވައެވެ.

ޖާބިރާ ދެކޮޅަށް މަތިވެރި ރައްޔިތުން އަޑު އުފުލަން ފެށުމުން ފުލުހުން ވަނީ އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދީފައެވެ. އޭނާއަށް ސެކިއުރިޓީ ދޭން އެމްއެންޑީއެފްއަށް މަޖިލީހުގެ އިދާރާއިން ވެސް ވަނީ އަންގައިފައެވެ.

ހައްޔަރުކުރި ދެ މީހުން ދޫކޮށްލަން މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރު ވަނީ މަޖިލީހުގައި ގޮވާލާފައެވެ. ޒަރީރު ވިދާޅުވީ މަތިވެރީގެ އެންމެ ހިތްގައިމު ސަރަހައްދުން ޖާބިރަށް ގެސްޓު ހައުސްއެއް ދީފައި އޮންނައިރު އެތައް އަހަރެއްވި އިރުވެސް އެ ރަށަށް އެއްވެސް މަންފާއެއް ނުލިބޭ ކަމަށާއި އަދި ދެ ޒުވާނުން ހައްޔަރުކުރީ ރަށުގެ ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރަމުން ދަނިކޮށް ކަމަށެވެ.

"އަޅުގަނޑު ސަރުކާރަށް ގޮވާލަން އެ ދެ ޒުވާނުން ވަގުތުން ވަގުތަށް ދޫކޮށްލަން. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާހަކަ ދައްކަމުންދާ އިރު ވިޔަފާރިކުރަމުންދާ ޒުވާނުން ހައްޔަރުކޮށްގެން އަޅުގަނޑުމެން ކިތަންމެ ގިނަ އިސްލާހެއް ގެނައި ކަމަށްވިޔަސް އަޅުގަނޑު ގަބޫލެއް ނުކުރަން ޒުވާނުން ހިތްހަމަ ޖެހޭނެ ކަމަކަށް." ޒަރީރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހައްޔަރުކުރަންވީ ޖާބިރަށް އަނިޔާކުރި މީހުންނެއް ނޫން. ޖާބިރު ހިފާ ހައްޔަރުކުރަންވީ.