އެއް ފުރާޅެއްގެ ދަށުން ގިނަ ހިދުމަތްތަކެއް ލިބޭނެހެން ސްޓެލްކޯގެ ވޯކްޝޮޕެއް ހުޅުމާލޭ ހުޅުވައި، ކުންފުނީގެ އަމިއްލަ ޖެނެރޭޓަރުތަކެއް ރާއްޖޭގެ ބާޒާރަށް ނެރެން ނިންމައިފިއެވެ.

ހުޅުމާލޭގެ ވިލާ ޕެޓްރޯލް ޝެޑް ކުރިމަތީގައި ނުވަތަ ކުރީގެ އިންޖީނުގެ ހުރި ބިމުގައި ހުޅުވި "ސްޓެވޯ ވޯކްޝޮޕް" ރަސްމީކޮށް ހުޅުވުމަށް ރޭ ވަނީ ހާއްސަ ހަފްލާއެއް ކުރިއަށް ގެންގޮސްފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވި ގޮތުގައި އެ ހިޔާލު އުފަންވެެގެން އައީ އެ ކުންފުންޏަކީ ގިނަ ޖަނަރޭޓަރުތަކެއް ގެންގުޅޭ ބަޔަކަށްވުމުންނާއި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުން ތިބި ކުންފުންޏަކަށްވާތީއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭނެ ކުންފުންޏަކަށް ސްޓެލްކޯވާތީ ކަމަށްވެސް ވިދާޅުވިއެވެ.

ސްޓެވޯ ވޯކްޝޮޕުން ޕަވާ ޖެނެރޭޝަން ސިސްޓަމްތަކާއި ބެހޭ ހުރިހާ ހިދުމަތްތަކެއް ދޭނެއެވެ.

ސްޓެވޯއިން ދޭ ހިދުމަތްތައް:

  • ޕަވާ ޖެނެރޭޝަންގެ ހިދުމަތްތައް
  • އެލްޓަނާޓޯގެ ހިދުމަތް
  • ޕެނަލް ސާވީސް
  • އަލްޓްރާ ސޮނިކް ކްލީނިން
  • އާރްއޯ ޕްލާންޓްގެ ހިދުމަތް

ސްޓެވޯއިން ފޯރުކޮށްދޭ ހިދުމަތުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ބޭރުން ސާމާނުތައް ގެނެސް ރާއްޖޭގައި ޖެނެރޭޓަރުތައް އެސެމްބެލް ކުރުމެވެ.

ސްޓެވޯކްޝޮޕްގެ މައުލޫމާތު މުގުނީ ދެއްވަނީ
ފޮޓޯ: ސްޓެލްކޯ

"ކުންފުނީގެ އިންޖިނިއަރުންނަކީ އެސެމްބެލް މަސައްކަތް ކުރަން ގާބިލްކަން ހުރި މުވައްޒަފުން. ރާއްޖޭގައި ކުރެވޭނެކަން ދައްކަން ބޭނުން" ވޯކްޝޮޕުން ލިބޭ ހިދުމަތްތަކުގެ މައުލޫމާތު ޕްރެޒެންޓޭޝަނެއްގެ މެދުވެރިކޮށް ހިއްސާ ކުރައްވަމުން މުގުނީ ވިދާޅުވިއެވެ.

"އިންޖިނިއަރުން ތިބީ އެކަމަށް ފައިކުރި އޮޅާލާފައި"

އޭނާ ވިދާޅުވީ އެ ތަނުން ވިއްކާނީ އެސްޓީ ޑަބްލިއު 300 އެސްޓީޑަބްލިޔު އަދި 600 އެސްޓީޑަބްލިޔުގެ އިތުރުން 800 އެސްޓީޑަބްލިޔުގެ ބްރޭންޑުގެ ޖަނަރޭޓަރުތަކެވެ. މުގުނީ ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާއި އެއް ހަމައެއްގައި އެއް ފެންވަރުގެ ޖެނެރޭޓަރުތަކަށް ވުމާއެކު ލޯކަލް ވޮރެންޓީވެސް ލިބޭނެއެވެ.

"ޔަގީންކަން އެބައޮވޭ މި ޖެންސެޓްތަކަކީ އެންމެ ފުރިހަމައަށް މަސައްކަތްކުރާ ޖެނެރޭޓަރުތައްކަން. ބޭނުންކުރާ ފަރާތްތަކަށް ހިތްހަމަ ޖެހުމެއް ލިބިގެންދާނެ" ޖެނެރޭޓަރުތައް ފަރުމާކުރުމުގައި މަސައްކަތްކުރި މުވައްޒަފުންނަށް ތައުރީފް ކުރައްވަމުން މުގުނީ ވިދާޅުވިއެވެ.

އެ ހަފްލާގައި ޖެންސެޓް އެސެމްބްލް ކުރި މުވައްޒަފުންގެ އަގު ވަޒަން ކޮށް ހަނދާނީ ލިޔުންވެސް ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޏަމް

    ތިޔަވާނެތޯ ކަލޭމެން އުފެއްދި އެއްޗަކަށް ބޭރުން ސާމާުނުގެނެސްގެން އަހަރުމެންގޭގަވެސް ސައިކަލުއެސެމްބުލްކުރަން އެއަށް ކިޔޭނެތޯ މޭޑުއިން މަގޭހައުސް.